ރައްޔިތުންގެ މަޖިލީހުގެ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއިން ދިފާއުވުމަށް އޭނާ ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މަހުލޫފު މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ގާޒީ އަލީ އާދަމް ވިދާޅުވީ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާތީ އެ ހެކިންގެ ހެކިބަސް ނުނަގަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން އެއް ފުލުހަކު ވަނީ ދައުވާގައި ބުނެފައިވާ ގޮތަށް މަހުލޫފް ބެރިކޭޑު ފަޅާލި މަންޒަރު

އަދި އިތުރު ދެ ފުލުހަކު ވަނީ މަހުލޫފް ބެރިކޭޑު ފަޅާލި މަންޒަރު ފެނުނު ކަމަށް ޓޯކީ މެދުވެރިކޮށް އެ ފުލުސް މީހާ ބުނި އަޑު އިވުނު ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

އެހެންކަމުން މިހާރު ވަނީ އެ މައްސަލައިގެ ހެކިބަސް ނަގައި ނިމިފަ އެވެ.

މިއަދުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ އޭނާ ބެރިކޭޑު ފަޅާލި މަންޒަރު ފެނުނު ކަމަށް ބުނެ އެންމެ ފުލުހަކު ހެކިބަސް ދީފައިވާ އިރު އެ ފުލުސް މީހާގެ ހެކިބަސް ނަފީކުރުމަށްޓަކައި ދައުލަތުން ހެކިތަކަށް ވުރެ މާ ގިނަ ހެކިތަކެއް އޭނާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ދިފާއީ ހެކި ނުނެގުމަށް ގާޒީ ނިންމެވި ނިންމެވުން ބަލައިނުގަނެވޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އޭނާއަށް ޖަލު ހުކުމެއް އަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ސިޔާސީ ބޭފުޅުންނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަނީ އެ ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަށް ކަމަށެވެ.

މަހުލޫފް އެހެން ވިދާޅުވެފައިވާ އިރު، ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާ ކަމަށާއި، ކޮންމެ މައްސަލައެއް ކަމުގައި ވިޔަސް ކޯޓުގައި އޮތް މައްސަލައެއް ލަސްވެއްޖެ ނަމަ، އެ މައްސަލައެއް އަވަސްކޮށްދޭން އެމަނިކުފާނު ކޯޓުތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.