ކަޝްމީރު (ޖުލައި 18): އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި ނޫސް ޗާޕު ކުރުން އިންޑިއާއިން ވަގުތީ ގޮތުން އިއްޔެ މަނާކޮށް، ނޫސް އޭޖެންސީތައް ބަންދުކޮށްފި އެވެ.

ޖައްމޫ ކަޝްމީރުގެ ތަރުޖަމާނު އަދި އެޑިއުކޭޝަން މިނިސްޓްރު ނައީމް އަޚުތަރު ވިދާޅުވީ ނޫސް އޭޖެންސީތައް ތިން ދުވަހަށް ބަންދުކޮށްފައި ވަނީ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދު މަދު ކުރުމަށާއި އެ ސަރަހައްދަށް އަމާންކަން ގެނައުމަށް ކަމަށެވެ.

އިންޑިއާގެ މިލްކުވެރިކަން އޮންނަ ކަޝްމީރުގެ ސަރަހައްދުގައި އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކަށް 10 ދުވަސްވެފައިވާ އިރު އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ހަމަނުޖެހުންތަކުގައި މަރުވެފައި ވަނީ 36 މީހުންނެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުންނާއި ކަޝްމީރުގެ ނޫސްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 40ށް އަރާނެ އެވެ.

އިންޑިއާ ސަރުކާރުން ވަނީ އެސަރަހައްދުގައި ކާފިއު އިއުލާންކޮށް، އެ ސަރަހައްދުގެ މަގުތައް ޕެޓްރޯލް ކުރަން ފަށާފަ އެވެ. އޭގެ ސަބަބުން ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައި ވުމުން އެތައް ހާސް ބަޔަކަށް ވަނީ ކާނާ އާއި އެހެނިހެން މުހިއްމު ވަސީލަތްތައް ނުލިބިފަ އެވެ. (އަލްޖަޒީރާ)