ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ޓީމުން ޖުމްލަ ހަތް މެޑެލް ހޯދައިފި އެވެ.

ޕާކިސްތާނުގެ ލާހޫރުގައި މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި އަންހެން ޓީޓީ ޓީމުން ފަސް މެޑެލް ހޯދި އިރު، ފިރިހެން ޓީމުން ވަނީ ދެ މެޑަލް ހޯދާފަ އެވެ.

މުބާރާތުގައި ކުރިއަށްދިޔަ ޖޫނިއާ އަންހެން ޓީމު އިވެންޓާއި އިންޑިވިޖުއަލް ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުން އަންހެން ޓީމުން ރިހި މެޑެއްޔެއް ހޯދާފައިވެ އެވެ.

މުބާރާތުގެ ކެޑޭޓް ޓީމު އިވެންޓާއި، ޖޫނިއާ އިންޑިވިޖުއަލް ސިންގަލްސް އިވެންޓާއި، ކެޑޭޓް އިންޑިވިޖުއަލް ސިންގަލްސް އިވެންޓުން އަންހެން ޓީމު ލޯ މެޑެއްޔެއް ހޯދާފައިވާ އިރު، ޖޫނިއާ ޓީމް އިވެންޓާއި ޖޫނިއާ އިންޑިވިޖުއަލް ޑަބަލް އިވެންޓުން ފިރިހެން ޓީމު ވެސް ލޯ މެޑެއްޔެއް ހޯދާފައިވެ އެވެ.

އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ފިރިހެން ޓީޓީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާނާއި، ނިބްރާޒް މުހައްމަދު ޝަފީގް އަދި އަހްމަދު ޒައިދާން މުހައްމަދެވެ. އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ރަފާ ނާޒިމް އާއި، ލައިސާ ފަތުހުﷲ އަދި އައިމިނަތު މަލީޝާ މުއާޒެވެ.