ރޯދަ މަހުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކޮށް މަސް ފިހުން ބާއްވާނެ ދުވަހެއް ކަނޑައަޅަ އެވެ. އެއާ އެކު ރޯދަ މަހު އެ މަސައްކަތް ފަށަ އެވެ. އީދަށް ފަހު ހަ ރޯދަ ނިމުމާ އެކު މަސް ފިހުން ކުރިއަށްގެންދެ އެވެ. މިއީ ހއ. އުލިގަމު ރައްޔިތުން އެއްބައިވަންތަ ކުރުމަށް އެ ރަށުގައި ކުރިއަށްގެންދާ މަސް ހިފުމުގެ ހަރަކާތެވެ. އެގޮތުން ރޭގައި ވަނީ 519 މަސް ފިހެފަ އެވެ.

އުލިގަމުގެ އާބާދީއަކީ 519 އަށްވާ އިރު ރޭ ފިހެފައި ވަނީ ކޮންމެ ރައްޔިތަކަށް މަހެކެވެ. އެއަށް ފަހު ބޮނޑިބަތް ފަދަ ކެއުންތަކާ އެކު ކުޑްޖާފަތެއް ރޭ ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ބާއްވައިފަ އެވެ. އެ ރަށުގެ ރައްޔިތުންގެ އިތުރުން އެއަތޮޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ހަފްލާގައި ވަނީ ބައިވެރިވެ އެ އުފާ ލިބިގަނެފަ އެވެ.

މަސް ފިހުމަށް ދަރުހޯދުމާއި މަހަށް ދިއުމާއި މަހުގައި މިރުސްލުން ފަދަ ކަންކަމަކީ ފިރިހެނުންގެ މަސައްކަތެކެވެ. އެކަންކުރަނީ ރަށުގެ ހުރިހާ ފިރިހެނުން އެކުގަ އެވެ. އަންހެނުންގެ ޒިންމާއަކީ ބޮނޑިބަތް ފަދަ ކެއުންތައް ތައްޔާރު ކުރުމެވެ. އެކަންވެސް ކުރަނީ އެ ރަށު ރައްޔިތުން އެކުގައި ނުކުމެ އެވެ.

"ހުރިހާ ރައްޔިތުން، ވަކިކުދި ބޮޑު އެހެނެއް ނޫން، ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވާނެ، ރަށުގައި ނުހުންނާނެ މިކަމުގައި ބައިވެރިނުވާ އެކަކު ވެސް،" އުލިގަމު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޒިޔާދު ވިދާޅުވި އެވެ.

އެރަށް އެކުވެރިވުމަށް ކުރާ އެކަންތަކަށް މީގެ ކުރިން މުޅިންހެން ހޭދަކުރަމުންދިޔައީ ރަށަށް ނިސްބަތްވާ ހެޔޮއެދޭ ފަރާތްތަކުންނެވެ. މިފަހަރު އެކަން ކުރީ ސޮޕެންސަރެއްގެ އެހީގަ އެވެ. ޒިޔާދު ވިދާޅުވީ އެކްސްޕާޓް މޮޓޯ ސާވިސްގެ ސުޕޮންސާގެ ދަށުން 6000 ރުފިޔާގެ ބަޖެޓަކުން އެކަން ނިންމާލެވުނު ކަމަށެވެ.

މިއީ ވަރަށް ކުރިން ވެސް އެ ރަށުގައި ކުރާ ކަމެކެވެ. އެކި މުނާސަބަތުތަކާއި ގުޅިގެން ކުރެ އެވެ. މިނިވަން 50 ފާހަގަކުރުމަށް ވެސް ވަނީ 530 މަސް ފިހެފަ އެވެ. މިކަން މިހާ ފޯރިގަދަވެފައި މިވަނީ 2000 ވަނަ އަހަރުން ފަށައިގެންނެވެ.