18 Jul 2016, 11:33
މި އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ފެނުނު ކުރީގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކެޕްޓަން އަހްމަދު މުހައްމަދު (އައްމަޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ޓީސީން ބުނީ، މި އަހަރު ވިކްޓަރީން ފެނުނު މިޑްފީލްޑަރު އައްމަޑޭ އެ ކްލަބަށް ސޮއިކޮށްފައިވާ ކަމަށާއި މިހާރު އެ ކްލަބުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވަމުންދާ ކަމަށެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ކުރީކޮޅު ވިކްޓަރީން އައްމަޑޭ ފެނުނު ނަމަވެސް، އެ ކްލަބުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ކްލަބުން އޭނާ ދޫކޮށްލި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ވަނީ ވިކްޓަރީ އާއި ނިއުގެ އިތުރުން ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ވެސް ކުޅެފަ އެވެ.
މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ޓީސީން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އެ ކްލަބުން ވަނީ މިދިޔަ އަހަރުގެ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައި، ލީގުގެ ދެ ވަނައިގައި ނިންމާލައިފަ އެވެ.
މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތު ޓީސީ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެ ޓީމު ކުޅުނު އަށް މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.