މ. މުލަކު ސޯސަންގެއަށް ވަންނަން ހުންނަ މައި ދޮރުގެ ކަނާތްފަރާތު ދޮރު ކަނި ކައިރިން އާދަޔާ ޚިލާފަށް ހޫނުވެ ބިމުއަޑިން ދުންއަރަމުން ދާތީ އެގެއަށް ކަރަންޓް ދީފައިވާ ގޮތްބަދަލު ކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެސަރަހައްދުގެ ހޫނުމިންދަށްވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮމާންޑާ އޮފް ސެންޓުރަލް ޕޮލިސް ޑިވިޝަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު މިއަދު ސަން އަށް ވިދާޅުވީ އެގެއަށް ކަރަންޓް ދިނުމަށް ކުރިން ބޭނުންކުރި އާތު ރޮޑާއި ނަރު ނަގައި ރޭ ފެނަކައާއި ގުޅުގެން އެހެން އާތު ރޮޑެއް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެގޭގެ ކަރަންޓް މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން އެ ސަރަހައްދުގެ ހޫނުމިން 62 ޑިގްރީ ސެލްސިއަސް އަށް ހުރި އިރު ކަރަންޓަށް ގެނައި ބަދަލުތަކާ އެކު 33 އަކާއި 35 ސެލްސިއަސްއަށް ހޫނުމިން ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

"އަޅުގަނޑުމެން މިއަންނަނީ ޓެމްޕަރޭޗާ ގަޑިއަކުން ގަޑިއަކުން ބަލަމުން، އެގޮތުން ދަށްވަމުން އައިސް ބައެއް ފަހަރު މަތިވާފަހަރު ވެސް އާދޭ، ޕުލަސް މައިނަސް، އެންމެ ފަހުން ބެލިއިރުގައި ފުދޭވަރަށް ބޮޑަށް ޓެމްޕަރޭޗާދަށްކޮށް އުޅެނީ،" ޝިފާއު ވިދާޅުވި އެވެ.

ކަރަންޓަށް ބަދަލު ގެނައުމާ އެކު ހޫނުމިނަށް ބޮޑު ބަދަލެއް އައި ނަމަވެސް އެއީ ކަރަންޓަށް ގެނައި ބަދަލާއި ގުޅިގެން އައި ބަދަލެއްކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ އެކަން ދިމާވި ސަބަބު އަދިވެސް ދެނެނުގަނެވޭ ކަމަށާއި ބޮޑަށް ބެލެވެނީ އެއީ އާތު ރޮޑްގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ ހޫނުމިން ހުރީ އެއާތު ރޮޑް އިން ދިމާލުން ކަމަށްވުމުންނެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބުރަވަން އާތުރޮޑް މިއިން ދިމާލުން އެންމެ ހޫނުކަމަށް ދިމާވެފައިހުރީމާ އެއީ އޭގެ އިޝޫއެއްކަމަށް، މުޅިންނެއްއަދި ޔަގީނެއްނުވޭ،" ޝިފާއު ވިދާޅުވި އެވެ.

އެއީ ކިހިނެއްވާކަމެއް ނޭނގި ކަންބޮޑުވުން އުފެދިފައިވާ އިރު ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަށްރަށް އުފެދިފައިވާ ގޮތާ ގުޅޭ ގޮތުން ޕީއެޗްޑީ ހައްދާފައިވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ ސަރަހައްދަކީ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދެއް ނޫން ކަމަށްވާ އިރު މިއީ އަލިފާން ފަރުބަދައަކުން ނުވަތަ ގުދުރަތީ ގޭހެއް ސަބަބުން ދިމާވާކަމެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. އިންސާނުންނާއި ގުޅުން ހުރި ކަމެއް ކަމަށް ލަފާކުރެވޭ އިރު އޭނާ އެންމެ ބޮޑަށް ގަބޫލްކުރަނީ މިއީ ކަރަންޓާއި ގުޅުންހުރިކަމެއް ކަމަށެވެ.