18 Jul 2016, 11:08
މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީގެ ސިފައިން އެގައުމުގެ ސަރުކާރާ ދެކޮޅަށް ނުކުމެ، ގެންނަން އުޅުނު ބަޣާވާތަށް ފަހު އެ ގައުމުގެ ފައިސާ އަގު ރަނގަޅުވާން ފަށައިފި އެވެ.
އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ތުރުކީގައި ބޭނުންކުރާ ފައިސާ ލީރާގެ އަގު، ތުރުކީގައި ގެންނަން އުޅުނު ނަމަވެސް ނާކާމިޔާބުވި ބަޣާވާތާ ގުޅިގެން ވެއްޓުނު ނަމަވެސް މިހާރު އޭގެ އަގު އޭޝިއާގެ މާކެޓުގައި ދަނީ ރަނގަޅު ވަމުންނެވެ.
ތުރުކީގައި ބަޣާވާތް ކުރުމަށް މަސައްކަތް ކުރި ވަގުތު، ތުރުކީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އޭޓީއެމްތަކާ ދިމާލަށް ޖަމާވެ، ބޭންކުތަކުގައި ރައްކާކޮށްފައި ހުރި ފައިސާ ނަގައިފަ އެވެ.
ބަޣާވާތުގެ ކުރިން ޑޮލަރަކަށް ގާތްގަނޑަކަށް 2.8 ލީރާ ޖެހުނު އިރު، ލީރާގެ އަގު އެރޭ ވަނީ ޑޮލަރަކަށް ޖެހޭ މިންވަރު ވަނީ ވެއްޓިފަ އެވެ. އެގޮތުން ގާތްގަނޑަކަށް ފަސް ޕަސަންޓަށް ލީރާގެ އަގު ވެއްޓިފައިވެ އެވެ.
އެހެން ނަމަވެސް ލީރާގެ އަގު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ތުރުކީގެ އާންމު މަސްލަހަތު ރަނގަޅުވަމުން ދާ އިރު އޭޝިއާގެ ބާޒާރުގައި ލީރާގެ އަގު 2.5 ޕަސަންޓަށް އުފުލިފައިވެ އެވެ.
އިގްތިސާދީ މާހިރުން ލަފާ ކުރާ ގޮތުން މި އަގު ދާނީ އިތުރަށް ހަމަޖެހި، ކުރިން ހުރި މިންވަރަށް ރުޖޫއަ ވަމުންނެވެ.
ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވީ އެ ގައުމުގެ އާންމު ރައްޔިތުންނާއި ފުލުހުން ރޭގަނޑު ނުކުމެ މަގުތައް ފުރާލައި، ބަޣާވާތް ކުރަން މަސައްކަތްކުރި ސިފައިން މައިތިރި ކުރުމުންނެވެ. ފުލުހުން ވަނީ ބަޣާވާތުގައި ބައިވެރިވި ސިފައިންގެ 2،000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފަ އެވެ.
ތުރުކީގެ ބަޣާވާތް ހުއްޓުވުމަށް ނުކުތް ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 60 މީހުން ވަނީ މަރުވެފަ އެވެ.