18 Jul 2016, 10:52
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް އުރަމަތީގެ ކެންސަރަށް ސްކްރީނިން ޕްރޮގްރާމެއް ފައްޓައިފި އެވެ.
ބީއެމްއެލުން ބުނީ އެއީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ބޭންކުގެ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ ބައިވެރިންނަށް ހުޅުވާލި އެ ފުރުސަތުގައި ކުރިއަށް އޮތް ދެ ދުވަސް ތެރޭ ޑޮކްޓަރުންގެ ޓީމަކުން ސްކްރީނިން ޕްރޮގްރާމްގައި ބައިވެރި ފަރާތްތައް ބަލަމުންދާނެ ކަމަށް ބީއެމްއެލުން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެ ސްކްރީނިންގައި ޑޮކްޓަރުން ބެލުމާއި، އަދި ބޭނުންވާ ހާލަތްތަކުގައި އަލްޓްރާ ސައުންޑް ސްކޭނިން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އަމިއްލަ އަށް ކެންސަ ހުރިތޯ ބަލާނެ ގޮތާއި ވީހާވެސް ކުރިން ކެންސަރު ދެނަގަނެ ވީހާ ވެސް އަވަހަކަށް ފަރުވާ ހޯދުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ކެންސަރު ސޮސައިޓީގެ ތަޖުރިބާކާރުން މައުލޫމާތު ސެޝަންތަކެއް ވެސް ބާއްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ޕްރޮގްރާމަކީ ކެންސަރ ސޮސައިޓީގެ ފަރާތުން ރާއްޖޭގެ ބޮޑެތި އޮފީސް އަދި މުއައްސަސާތަކާ ގުޅިގެން މަހަކު އެއްފަހަރު ހިލޭ ހިންގުމަށް ނިންމާފައިވާ ސްކްރީނިންގ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތެވެ.
"ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން މި ފެއްޓެވި މުހިންމު އިސްނެގުމަށް އަޅުގަނޑުުމެން މަރުހަބާ ކިޔަން. އަދި މި ސްކްރީނިންގ ޕްރޮގްރާމް ހިންގާ އެންމެ ފުރަތަމަ މުއައްސަސާއަށް އަޅުގަނޑުމެންނަށް ވެވުނީތީ އުފާކުރަން. ބްރެސްޓް ކެންސާއަކީ ރާއްޖޭގެ އެންމެ އާންމު ކެންސަރަށް ވާއިރު އަދި ވީހާ ވެސް އަވަހަކަށް މި ބަލި ދެނެގަންނަން ޖެހޭތީ، މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއް. މުވައްޒަފުންގެ ފަރާތުން މި ހަރަކާތަށް ލިބުނު ތަރުހީބަށް އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ،" އެ ޕްރޮގްރާމާ ގުޅޭގޮތުން ބޭންކުގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާރު ވަހީދު ވިދާޅުވި އެވެ.