23 May 2011, 14:00
ޖަލުތަކުގައި ގައިދީންނަށް ކޮށްފައިވާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުގެ ޝަކުވާ ބަލައިގަތުމަށް ވެލާނާގޭ އޮފީސް ބިލްޑިންގްގައި އިއްޔެ ގާއިމް ކުރި އޮފީހަށް ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމް ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ވޭލާނާގޭ އޮފީސް ބިލްޑިންގްގެ 12 ވަނަ ބުރީގައި ގާއިމް ކޮށްފައިވާ އެ އޮފީހަށް ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ފުލުހުން މިހާރު ހިންގަމުން ގެންދާ ތަހްގީގުތަކަށް ބޭނުންވާ މައުލޫމާތު ވެސް ހިމެނޭ ކަމަށެވެ.
"ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އަދަދު ދަންނަވަން ދަތި. މީހުން ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް ހިމެނޭ. އެ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވަކި ކުރީގެ ސަރުކާރުން ކޮށްފައިވާ އަނިޔާތަކެއްނޫން. ޖަލުތަކުގައި ކޮށްފައިވާ އަނިޔާތަކާ ބެހޭ މައުލޫމާތު މީހުން ހުށަހަޅަނީ،" ޝިޔާމު ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ، ފުލުހުން އެކި ތަހުގީގުތައް ކުރިއަށް ގެންދާއިރު އެފަދަ މައުލޫމާތުތައް ހުށަހެޅުމަށް ފޯކަލް ޕޮއިންޓެއް ގާއިމް ވެގެން ދިއުމުން ފުލުހުންގެ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
ޕޮލިސް އިސްޕެކްޓާ މުހައްމަދު ރިޔާޒް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރި ގައިދީންނަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގައި، ލާއިންސާނީ އަދަބުދީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ފުލުހުން ހޯދި ހޯދުންތަކުން އެ އަމަލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރޭވިފައިވާ ނިޒާމެއްގެ ދަށުން ދިގު މުއްދަކަށް ހިންގާފައިވާ އަނިޔާތަކެއް ކަން އެނގޭ ކަމަށެވެ. އަދި ޖަލުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި އަނިޔާތައް ކަމަށް ބެލެވޭ މައުލޫމާތު، ކަމާ ބެހޭ އޮފީސް މެދުވެރިކޮށް ހިއްސާކުރާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ހިމަޔާތާއި ރައްކާތެރިކަން ފުލުހުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.