14:30


އަފްޣާނިސްތާނުގެ އިރުމަތީ ޕްރޮވިންސެއްގައި ދުއްވާފައި ދިޔަ ބަހަކަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން އަށް މީހުން މަރުވެ 14 މީހަކު ޒަޚަމްވެއްޖެ އެވެ.


އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން މައުލޫމާތުދިން ގޮތުގައި މިހާދިސާ ހިނގާފައިވަނީ ތާލިބާނުން ކޮންޓްރޯލް ކުރަމުންދާ އަވަށެއްގަ އެވެ. އަދި މިހަމަލާގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށާއި މިހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެޕްރޮވިންސްގެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.


މިހަމަލާގެ ފަހަތުގައި ވަނީ ސީދާ ކޮން ބައެއްކަން ހޯދިފައިނުވީނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ތާލިބާނުން ދީފައިވާ ހަމަލާއެކެވެ.


ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އާންމުންގެ 170 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.