ސުކޫލުތައް ނިމޭގަޑިއާއި ފެށޭ ގަޑިތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތައް އެސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ނުވަތަ ބަރު އުޅަނދުތައް ސްކޫލުތައް ފެށޭ ގަޑިއާއި ނިމޭވަގުތު އެސަރަހައްދަށް ނުވަނުމަށް މީގެ ކުރިން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އެންމެ ފުރިހަމައަށް އެކަން ތަންފީޒެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ ސުކޫލުތައް ފެށޭ ވަގުތާއި ނިމޭވަގުތު ހަތަރު ފުރޮޅުލީ އުޅަނދުތައް އެސަރަހައްދުން ދަތުރުކުރާތީ ޓުރެފިކަށް ދިމާވާ މައްސަލަ ހައްލު ކުރުމަށް އެފަދަ އުޅަނދުތަކަށް ނުވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަންގާފައި އޮތީ ސުކޫލު ގަޑިތަކުގައި އަޅުގަނޑުމެން ރިކުއެސްޓްކޮށްފައި އޮތްގޮތަށް ހަތަރުފުރޮޅުލީ އުޅަނދުތައް އެސަރަހައްދުތަކަކަށް ނުވަދެވޭނެކަން." ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ޓުރެފިކް ތޮއްޖެހި އެންމެ ބޮޑު ދަތިކަމެއްކުރިމަތިވަނީ ޗާންދަނީ މަގާއި ލިލީ މަގަށް ކަމަށެވެ.