މިދިޔަ ބުދަ ދުވަހު ފޮރިން މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީނު އައްޔަނުކުރެއްވި ޑރ. މުހައްމަދު އާސިމަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ޑރ. އާސިމް މިހާތަނަށް ހުންނެވީ ރާއްޖެއިން ބަންގުލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

އާސިމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަދި އެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 24 އޮކްޓޫބަރ 2004 ގައި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމަށް ޢައްޔަނު ކުރެއްވި ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމާއި، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމާއި، ޔޫރަޕިއަން ކޮމިޔުނިޓީސްއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

މީގެއިތުރުން، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަގާމާއި، ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަގާމު ވެސް އާސިމް ފުރުއްވާފައިވެ އެވެ. ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމުތަކެއްގައި އާސިމް ވަނީ ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރު، އެމްޕްލޯއިމަންޓް އެފެއާޒްކަމާއި، ޑިރެކްޓަރ ޖެނެރަލް، އެމްޕްލޯއިމަންޓް އެފެއާޒް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

އާސިމް ޕީއެޗްޑީ ހާސިލު ކުރައްވާފައި ވަނީ، ޕޮލިޓިކަލް ސައެންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެއީ، ދަ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީގައި 1999 ވަނަ އަހަރު އެވެ. އިންޓަނޭޝަނަލް އެފެއާޒުގެ ދާއިރާއިން މާސްޓަޒް ހާސިލު ކުރައްވާފައި ވަނީ 1987 ވަނަ އަހަރު އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީންނެވެ.

ފޮރިން މިނިސްޓަރުކަމަށް ޑރ. އާސިމް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން މިމަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.