ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތަހު ހުޅުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ފުލުހުންގެ ވަޒީފާ އަށް ނެގުމަށް ހަމަޖެހިފައި ވަނީ ކިތައް މީހުން ކަން އެނގިފައި ނުވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްގައި ފުލުހުން ކޮށްފައިވާ އިއުލާނުގައި ވެސް ފުލުހުންގެ ފައުޖަށް އިތުރު ކުރަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވާން ޖެހޭނެ ކަމަށެވެ. އަދި ބުނީ ފުލުހުން ވަޒީފާ އަށް ކުރިމަތިލާ މީހަކީ ފުލުހުންގެ ތަމްރީން ހެދޭނެ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންވާނެ ކަމަށެވެ

ފުލުހުންގެ ވަޒީފާއަށް ވަނުމަށް ކޮށްފައިވާ އިއުލާނުގައި ބުނީ ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތައް، އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެގެން ނުވާނެ ކަމަށެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.

ފުލުހުންގެ ވަޒީފާ އަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަގާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލުވާ އިރު އިންޓަވިއުއަށް ކިޔުމަށް ހަމަޖެހިފައި ވަނީ ވަޒީފާ އަށް އެދި ހުށަހެޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށެވެ. އަދި ވަޒީފާ އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާ އެކު ހަށިހެޔޮކަން ދެނެގަތުމަށްދޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން އާއި ކުރާ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.