ވޮޝިންޓަން (ޖުލައި 18): އެމެރިކާގެ ލުއިޒިއާނާ ސްޓޭޓުގައި އޮންނަ ބެޓަން ރޫޖުގައި ތިން ފުލުހަކަށް ބަޑިން ހަމަލާދީ މަރާލީ މީގެ ކުރިން އެމެރިކާގެ މެރީން ކޯޕްސްގެ މެމްބަރެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މެރީން ކޯޕްސްގައި 2005ން 2010 އަށް ހިދުމަތް ކޮށްފައިވާ ގެވިން އީ ލޯންގް ވަނީ 2008ން 2009އަކަށް އިރާގު ހަނގުރާމައިގައި ބައިވެރިވެފަ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ލޯންގް ވަނީ ބެޓަން ރޫޖުގައީ ތިން ފުލުހަކަށް ބަޑިން ހަމަލާދީ މަރާލާފަ އެވެ. އަދި އޭގެ ފަހުން ލޯންގް އާއި ފުލުހުންނާދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި ލޯންގް ވަނީ މަރުވެފަ އެވެ. އަދި އެ ހަމަލާތަކުގައި އިތުރު ތިން ފުލުހަކު ވަނީ ޒަހަމްވެފަ އެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލި ހާދިސާއި، އެ ގައުމުގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ މިނެސޯޓާގައި ފުލުހުން ހިންގި ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެން އެމެރިކާގައި ފަށާފައިވާ މުޒާހަރާތައް މިހާރު ވަނީ އެ ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރިފަ އެވެ.

ބަދަލު ހިފުމުގެ ރޫހުގައި މިހާރު ކުރިއަށް ގެންދާ މަރުގެ ހާދިސާތައް ފެށިފައި ވަނީ، ކުރިން އެމެރިކާގެ އަސްކަރިއްޔާގައި އުޅުނު ކަޅު ނަސްލުގެ މީހަކު ޑަލަސްގައި ފުލުހުންގެ ފަސް އޮފިސަރަކަށް ހަމަލާދީ މަރާލި ހިސާބުންނެވެ. އޭނާ ފުލުހުންނަށް ހަމަލާދިނީ، ކަޅުނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި އޭނާ މަރާލި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުންނެވެ. (މިލިޓަރީ ޓައިމްސް)