ރިޔާދު - (17 ޖުލައި) -- ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް "އިންޑޯ ސްނޯ ތީމް ޕާކެއް" ބިނާކޮށް އެތަން ހުޅުވައިފިއެވެ.

ވެރިރަށް ރިޔާދުގެ ރަބްވާގައިވާ އުޘައިމް މޯލްގައި ބިނާކޮށްފައިވާ، 5000 އަކަ މީޓަރުގެ ސްނޯ ސިޓީ އަކީ 100 މިލިއަން ސައުދީ ރިޔާލް (26.6 މިލިއަން ޑޮލަރު)ގެ އިންވެސްޓްމަންޓެކެވެ.

މި ސްނޯ ތީމް ޕާކް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިމަހުގެ 13 ވަނަ ދުވަހު، ރިޔާދުގެ ގަވަރުނަރު އަމީރު ފައިސަލް ބިން ބަންދާރުއެވެ.

ތީމް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި އާއިލާތަކަށް ހާއްސަކޮށްގެން ސްނޯގެ ތަފާތު ޚަރަކާތްތައް ދައްކާލާފައިވާ ކަމަށް ސައުދީ މީޑިއާތަކުން ބުނެއެވެ.

އަލަށް ހުޅުވި ސްނޯ ތީމް ޕާކްގެ ސަބަބުން ސައުދީގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނާކަމަށް ބެލެވޭއިރު، މި ޕާކުގައި ތަފާތު ޑިޒައިންތަކުގެ އައިސް ހަޓްތަކާއި، އަދި އެނޫނަސް ސްނޯމަތީ ސަރަހައްދުތަކުން ފެންނާނޭ ތަފާތު، ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ މަންޒަރުތައް ހިމެނޭކަމަށް ވެއެވެ.

މީގެ އިތުރުން ތީމް ޕާކު ފަރުމާކޮށްފައި ވަނީ، ތަފާތު ހަފްލާތަކާއި، ބޮޑެތި އިވެންޓްތައްވެސް ބޭއްވޭގޮތަށް ކަމަށާއި އަދި އެތަނުގެ ތެރޭގައި މަޝްހޫރު ރެސްޓޮރާންޓްތައް ވެސް ހިމެނޭގޮތަށް ކަމަށް ސައުދީ އޮފިޝަލުންނާ ހަވާލާދީ، އެގައުމުގެ ނޫސްތަކުން ބުނެއެވެ. އެގޮތުން މިއީ ސައުދީގައި، އުފާވެރިކަމާއެކު ޗުއްޓީ ހޭދަކޮށްލުމާއި ފަތުރުވެރިކަމަށް ހުޅުވާލެވުނު އާ ބާބެއްކަމަށް ސައުދީ އޮފިޝަލް ވިދާޅުވިއެވެ.

ސައުދީގައި ފުރަތަމަ ފަހަރަށް ހުޅުވި އިންޑޯ ސްނޯ ތީމް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އަލް އުޘައިމް ލެޜާ އެންޑް ޓޫރިޒަމް ކޮމްޕެނީއާއި އަލް އުޘައިމް ހޯލްޑިން ކޮމްޕެނީގެ ޑެޕިއުޓީ ޗެއާމަން ފަހްދުބިން އަބްދުﷲ އަލް އުޘައިމްއާއި އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޞާލިޙް ބިން ޢަބްދުﷲ އަލް އުޘައިމްއާއި ފްރާންސް ސަފީރާއި އަދިވެސް ސަރަހައްދުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

ގަޑިއެއްގެ އިރުތެރޭގައި އެއްފަހަރާ ގާތްގަނޑަކަށް 350 މީހުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ސްނޯ ތީމް ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު 12 ވައްތަރެއްގެ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި ޕެނަރޯމިކް ސަސްޕެންޝަން ބްރިޖް، އައިސް ބަމްޕަރ ކާރު، ސްލެޖް އެންޑް ސްކީ ޒޯން، ރޯޕް ކޯސަސް، ކްލައިމްބިން ވޯލް، ސްނޯމޮބައިލްސް އަދި މިނޫންވެސް ތަފާތު ހަރަކާތްތައް ހިމެނެއެވެ.

ސައުދީގެ ފުރަތަމަ ސްނޯ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފުރަތަމަ މަރުހަބާ ކިޔާނީ، އެ ސިޓީގެ މެސްކޮޓް "ތާލޫޖް" ދަ ސްނޯމޭން އާއި، "ބާޓްރިގޯ:" ދަ ޕެންގުއިން އެވެ.