ކުރީގެ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ބުނެ ހިންގާ ތަހުގީގުތަކާ ގުޅިގެން ކުރީގެ ޕްރިޒަންސް ޑިވިޝަންގެ ވެރިޔާ އިސްތަފާ އިބްރާހިމް މަނިކަށް އެއް މަސް ދުވަސް ވަންދެއް ރާއްޖޭން ބޭރަށް ނުދެވޭނެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ނެރެފައިވާ އެ އަމުރަކީ ފުލުހުން އެދިގެން ނެރުނު އަމުރެއް ކަމަށެވެ. އަދި އެ އަމުރުގައިވާ ގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަސް ވަންދެއް އިސްތަފާ އަށް ރާއްޖެ އިން ބޭރަށް ކޯޓުގެ ހުއްދައެއް ނެތި ވަޑައިނުގެންނެވޭނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓު އަމުރަކަށް އެދިފައި ވަނީ އިސްތަފާ ހައްޔަރުކުރި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކަމަށެވެ. އަދި ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހްޤީޤަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ނުވަތަ ހެއްކަށް ނުފޫޒު ފޮރުވަން އިސްތަފާ މަސައްކަތް ކުރައްވާ ނަމަ ހައްޔަރުކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހްގީގަށް ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެފައިވާ ބުނުމުގެ މައްޗަށް ބިނާކޮށް މާފުށީ ކޯޓަކުން އިސްތަފާގެ ބަންދުގެ މުއްދަތު 15 ދުވަހުގެ މުއްދަތަށް އިތުރު ކޮށްދީފައި ވަނިކޮށް، އެ މައްސަލައިގައި އިސްތިއުނާފްގެ މައްސަލައިގެ ހުކުމް އިއްވަވަމުން ހައިކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވެފައި ވަނީ އިސްތަފާއަކީ ހެކިންނަށް ނުފޫޒު ފޯރުވޭނެ އަދި ހެކި ނައްތާލެވިދާނެ ފަދަ މަގާމެއްގައި މިހާރު ހުންނެވި މީހެއް ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިފާނެ ކަމުގެ ގާނޫނީ ހެއްކެއް ނުވަތަ ހަރުދަނާ ގަރީނާއެއް ނަމަވެސް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.