18 Jul 2016, 01:32
ޕީޕީއެމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައިގެ ސުލްހަވެރި ހައްލެއް ހޯދުމުގެ ބައްދަލުވުން މިރޭ ކުއްލިގޮތަކަށް ބާއްވަން ސިވިލް ކޯޓުން މަސައްކަތް ކޮށްފި އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެ މައްސަލައިގެ ބައްދަލުވުމެއް މިރޭ ބާއްވަން ޗިޓެއް ހަވާލުކުރަން ސިވިލް ކޯޓުން އޭނާ އަށް މިރޭ ގުޅާފައިވާ ކަމަށެވެ. ނަމަވެސް އަމިއްލަކަމެއްގައި ހުޅުމާލޭގައި އުޅޭތީ މިރޭ ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ، އެހެން ބޭފުޅަކު ކޯޓަށް ފޮނުވިދާނެ ކަމަށް ދެންނެވުމުން، ބޭނުންވަނީ އޭނާ ކޯޓަށް ހާޒިރުކުރަން ކަމަށް ސިވިލް ކޯޓުން ބުނި ކަމަށެވެ.
ސިވިލް ކޯޓުން މަސައްކަތް ކުރީ މިރޭ 9:15 އަށް އޭނާ ކޯޓަށް ހާޒިރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމިއްލަ ކަމެއްގައި އުޅުއްވުމަށްފަހު، ފަހުން ފޯނު ބެލިއިރު 11 ފަހަރު ސިވިލް ކޯޓުން އޭނާ އަށް ގުޅާފައިވާ ކަމަށާއި އެވަގުތު އޭނާ ގުޅުއްވުމުން އެކޯޓުން ފޯނަށް ޖަވާބު ނުދޭ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.
އަމިއްލަ ކަމެއްގައި ހުޅުމާލޭގައި އުޅޭތީ ޕާޓީގެ އޮފީހަށް ޗިޓު ހަވާލުކުރަން އެދުމުން ޗިޓު ހަވާލުކުރަން ބޭނުންވަނީ ސީދާ އޭނައަށް ކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ބައްދަލުވުން ނިންމާލީ އިތުރު ބައްދަލުވުމެއް މިމަހުގެ 19 ވަނަ ދުވަހުގެ 1:30 ގައި ބާއްވާނެކަން އަންގައި އަލީމަށް ޗިޓު ހަވާލު ކުރުމަށްފަހު އެވެ.
ޕީޕީއެމްގެ ރައީސްގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށް އެދި ހުށަހެޅުއްވި އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފައި ވެއެވެ. ވަގުތީ އަމުރުގައި އެދިވަޑައިގެންފައި ވަނީ ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ރައީސް މައުމޫން އެންގެވި އެންގުމަށް އަމަލު ކުރުން ފަސްކުރުމަށް އަމުރެއް ނެރެދިނުމަށެވެ.
މައުމޫން ދާދިފަހުން ވަނީ އެ އެންގެވުން އަނބުރާ ގެންދަވައި، ގަވާއިދާ އެއްގޮތަށް ޕާޓީގެ ކޮމެޓީތައް ބޭއްވުމަށް އަންގަވާފަ އެވެ.