17 Jul 2016, 21:47
ބާޓަން ރޯޖް، ލޫޒިއާނާ(17 ޖުލައި) -- އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލޫޒިއާނާގެ ވެރިރަށް ބާޓަން ރޯޖުގައި ބަޑިހިފައިގެން ހުރި މީހަކު ފުލުހުންގެ އޮފިސަރުން ތަކަކަށް ހަމަލާދީ ތިން އޮފިސަރަކު މަރާލައިފި ކަމަށް ބޭރުގެ ޚަރަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ލޫޒިއާނާ ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ، ބީބީސީން ބުނީ، ބާޓަން ރޯޖްގައި ބަޑިޖެހުމުގެ ހާދިސާ ހިންގި ސަރަހައްދު ފުލުހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެ ހާދިސާގައި ފުލުހުންގެ ތިން އޮފިސަރަކު މަރުވެފައިވާއިރު، އިތުރު ފަސް އޮފިސަރަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، ލޫޒިއާނާގައި ފުލުހުންނަށް ހަމަލާދީފައި ވަނީ، އެސޯޓް ރައިފަލެއް ހިފައިގެން އެކަނި އުޅުނު މީހެކެވެ. އެހެން ނަމަވެސް އެމީހާ ހައްޔަރުކުރެވުނު ކަމެއް އަދި ނޫންކަމެއްވެސް ސާފެއް ނުވެއެވެ. އެ ހަމަލާގައި
އެމެރިކާގައި ކަޅުނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލި ހާދިސާއި، އެގައުމުގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ މިނެސޯޓާގައި ފުލުހުން ހިންގި ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެން ފަށާފައިވާ މުޒާހަރާތައް މިހާރު ވަނީ އެމެރިކާގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ.
ބަދަލު ހިފުމުގެ ރޫހުގައި މިހާރު ކުރިއަށް ގެންދާ މަރުގެ ހާދިސާތައް ފެށިފައި ވަނީ، ކުރިން އެމެރިކާގެ އަސްކަރިއްޔާގައި އުޅުނު ކަޅު ނަސްލުގެ މީހަކު ޑަލަސްގައި ފުލުހުންގެ ފަސް އޮފިސަރަކަށް ހަމަލާދީ މަރާލި ހިސާބުންނެވެ. އޭނާ ފުލުހުންނަށް ހަމަލާދިނީ، ކަޅުނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި އޭނާ މަރާލި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ބާޓަން ރޯޖުގެ ފުލުހުންވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން މިއަދުގެ އެ ހާދިސާ ހިނގި ސަރަހައްދަށް ނުވަނުމަށް އިންޒާރުދީފައެވެ. އެ ހާދިސާ ހިނގާފައި ވަނީ، ބާޓަން ރޯޖު ފުލުހުންގެ މަރުކަޒަކާއި އެއާލައިން ހައިވޭއެއްގެ ކައިރީގައެވެ.
އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކުން ދައްކަމުން އަން ޓީވީފުޓޭޖަކުން ފެންނަ ގޮތުގައި، މަގުގެ ހަތަރު އަނގޮޅި އެއްވާ ހިސާބަށް ފުލުހުންގެ ކާރެއް އައިސް މަޑުކޮށްލައެވެ. އަދި އެއާއެކު ވަރަށް ގަދައަށް ބަޑީގެ އަޑުއިވެއެވެ.
ބާޓަން ރޯޖުގެ މޭޔަރު ކިޕް ހޯލްޑަން ވިދާޅުވީ، އޭނާވަނީ ވައިޓްހައުސްގެ އޮފިޝަލަކާ އެ ހާދިސާގެ ޚަބަރުތައް ހިއްސާކޮށްފައި ކަމަށާއި އަދި މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.