23 May 2011, 13:38
އިންތިހާބު ކުރަން ޖެހޭ މެންބަރުންނަށް ވުރެ މަދުން ކެންޑިޑޭޓުންނަށް ވޯޓު ދީފި ނަމަ ވޯޓު ބާތިލްވާނެ ކަމަށް ބުނާ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ހ. ގާނޫނު އަސާސީއާ ހިލާފްނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ހ.ގެ ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނާ ބައި ބާތިލް ކުރުމަށް ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ހުށަހެޅުއްވި ދައުވާ އަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ އުސާމާ މޫސާ ވިދާޅުވީ، ކޮންމެ ކައުންސިލަކަށް ވެސް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދު އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެއަށް ވުރެ މަދުން މެންބަރުން އިންތިހާބުކޮށްފި ނަމަ ކައުންސިލް ނުހިންގޭނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ ވަކި އަދަދަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފާ މީހަކަށް އެ އަދަދަކަށް ވޯޓުލުން ލާޒިމްވާނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގެ ގާނޫނުގެ މަގްސަދަކީ ވެސް އެއީ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ކޮންމެ އިންތިހާބަކަށް ވެސް ވަކި ހާއްސަ ގާނޫނެއް އޮންނަ އިރު އެ ގާނޫނަކުން ބުނާ ވަކި ހާއްސަ ސިފައެއް ހުރެއްޖެ ނަމަ ވޯޓު ބާތިލުވާނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިހާބާ ބެހޭ އެއްފަދައިން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމާ ބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައި ވެސް އެފަދަ ހާއްސަ ސިފަތަކެއް އެކުލެވިގެންވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަކީލާ އެދިވަޑައިގަތީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ހ. އަކީ ގާނޫނު އަސާސީއާ ހިލާފް މާއްދާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ އޮފީހާ ބައެއް ސުވާލުތައް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދު ސުވާލު ކުރެއްވީ ރައްޔިތަކު އިހްތިޔާރު ނުކުރާ މީހަކަށް ވޯޓުލުމަށް ގާނޫނުން މަޖުބޫރުވޭތޯ އެވެ. އަދި ހޮވަން ޖެހޭ އަދަދަށް ވުރެ މަދުން ވޯޓު ދީފި ނަމަ، ކައުންސިލްގެ މެންބަރުން ހަމަނުވާނެ ފަދައަކުން މުޅި މުޖްތަމައު ވޯޓު ދިނުމަކީ ވެދާނެ ކަމެއްކަން ދައުލަތުން ގަބޫލު ކުރޭތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ވަކީލާ ވިދާޅުވެފައި ވަނީ މުޅި މުޖްތަމައު އެފަދައިން ވޯޓު ދިނުމަކީ ނާދިރު ކަމެއް ނޫން ކަމަށާއި ރިޔާސީ އިންތިހާބުގައި ވެސް ބައެއް ރަށްރަށުން ވޯޓު ނުލިބޭ ކެންޑިޑޭޓުން ތިބި ކަމަށެވެ.
ހޮވަން ޖެހޭ ކެންޑިޑޭޓުންގެ އަދަދު ހަމަވާ ގޮތަށް ވޯޓު ދިނުން ލާޒިމް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވުމުން ފަނޑިޔާރު އަބްދުﷲ ސައީދު ސުވާލު ކުރެއްވީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި ވޯޓުދިނުމަކީ ހައްގެތޯ ނުވަތަ ލާޒިމް ކަމެއްތޯ އެވެ. ވަކީލާ ވިދާޅުވީ ވޯޓު ދިނުމަކީ ހައްގެއް ކަމަށާއި އެކަމަކު ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭ ނަމަ އެ ކަނޑައެޅިފައިވާ އަދަދަށް ވޯޓު ދިނުން ލާޒިމް ކަމަށެވެ.
އެ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން މޫސާ އަންވަރު ވިދާޅުވީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލްވާނެ ކަމަށް ބުނެފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާ ގާނޫނު އަސާސީއާ ހިލާފް ކަމަށެވެ.
މޫސާ ވިދާޅުވީ އެމީހަކު މިނިވަންކަމާ އެކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމުގެ ހިންގުމުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހައިފި ނަމަ ވޯޓު ބާތިލްވާނެ ކަމަށް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނެފައި އޮތުމުން ގާނޫނު އަސާސީގެ އެ މާއްދާއިން ލިބިދީފައިވާ މަންދޫބުން އިހްތިޔާރު ކުރުމުގައި އޮންނަ މިނިވަންކަން ހަނިވެ ތިމާ ނުރުހޭ މީހުންނާ އެކު ވަކި އަދަދެއްގެ ބަޔަކަށް ވޯޓު ދިނުމަށް މަޖުބޫރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނު އަސާސީއާ ތައާރަޒްނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއްގެ ދަށުން ކަމަށާ އަދި އެފަދަ ހައްގެއް ހިފެހެއްޓޭނީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް މިފަދަ މިނިވަންކަމެއް ހިފެހެއްޓިދާނެ މިންވަރަށް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި ބުނެފައި ވަނީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވޯޓު ބާތިލް ކުރަނީ އެ އިންތިހާބަކުން ހާސިލްކުރަން ޖެހޭ ނަތީޖާ ނެރެވޭ ގޮތަށް އެ ވޯޓެއް ސާފުނުވާ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ މޫސަ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމަކާ ނުވަތަ އަސާސީ ހައްގަކާ އެއްވެސް ގާނޫނެއް ތައާރަޒްވާ ނަމަ އެ ތައާރަޒްވާ މިންވަރެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގައި "އިންތިހާބުކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއް" ކަމަށް ބުނެފައިވާ ބުނުން ބާތިލް ކަމަށް ކަނޑައަޅައިދީ އެ މާއްދާއިން ގާނޫނު އަސާސީއާ ތައާރަޒްވާ މިންވަރެއް ބާތިލް ކުރުމަށް އެ މޫސަ އެދިވަޑައިގަތެވެ. އަދި އެ މާއްދާގެ ދަށުން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލްކޮށްފައިވާ ވޯޓުތައް ސައްހަ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.