17 Jul 2016, 20:14
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް އީދު ކަމަށްވާ އައިޑިއާސް ކަޕުގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާޔޭޔޭ އައިޑިއާސް ކަޕް 2016ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ މިއަދު ހަވީރު ބީއެޗްއެމް ޓްރާޑާސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އައިޑިއާސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސި ސަން އޮންލައިންގެ ފަރާތުން ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒު(ކ) ސޮއިކުރައްވާ އިރު، އައިޑިއާސްގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް ނާޒިމް(ވ) ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އައިޑިއާސް ކަޕުގެ އެކްސްކްލޫސިވް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބީއެޗްއެމް ޓްރޭޑާސް އެވެ. ބީއެޗްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ވެސް ބީއެޗްއެމް އެވެ.
އޮންލަައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސިސަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި، ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒު (މިންނު) ސޮއިކުރެއްވި އިރު، ސަން އޮންލައިން އަކީ އައިޑިއާސް ކަޕް 2014ގެ ވެސް މީޑިއާ ޕާޓްނަރެވެ.
ޓީވީ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ރާއްޖެ ޓީވީގެ ފަރާތުން އެއްބަސްވުމުގައި އެ ޗެނެލްގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ސޮއިކުރެއްވި އިރު، މިދިޔަ އަހަރުގެ ޓީވީ އޮންލައިން ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

އައިޑިއާސް ކަޕުގެ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެކްސްލޫސިވް ޕާޓްނަރުގެ ފަރާތުން ސޮއިކުރެއްވި ބީއެޗްއެމް ޓްރޭޑާސްގެ ސޭލްސް އެންޑް މާކެޓިން ޝަރީފް(ވ) އާއި އައިޑިއާސްގެ ރައީސް މާލިކު(ކ) އެއްބަސްވުމުގެ ލިޔުން ހަވާލުކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ސްޕޯޓްސް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި އޯލްސްޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި އެތަނުގެ މާކެޓިން މެނޭޖަރު ނިޝާން ސޮއިކުރެއްވި އިރު، އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ރިލްވާން މޫސާ އެވެ.
އެ އެއްބަސްވުންތަކުގައި އައިޑިއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު މާލިކް އާއި ނައިބު ރައީސް އަބްދުﷲ ނާޒިމް އަދި އެ ޖަމިއްޔާގެ ޑިރެކްޓަރު އޮފް ފުޓްބޯލް އަހްމަދު ފިރުޝާން އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ފޯރިގަދަ އަދި ވާދަވެރި މުބާރާތަކަށް އައިޑިއާސް ކަޕް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ޕާޓަނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވި ފަރާތްތަކުން ވިދާޅުވެ އެވެ.

އައިޑިއާސް ކަޕުގެ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަން އޮންލައިންގެ ފަރާތުންނާއި ރާއްޖެ ޓީވީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅި ނަމަވެސް، މި އަހަރުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށް ޓްރޮފީއެއް ދިނުމަށް އައިޑިއާސް އިން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ ކްލަބު ޖަމިއްޔާތަކަށާއި މާލޭގެ އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން މި މަހުގެ 20 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 24 ޓީމަކުން މި އަހަރު ބައިވެރިވެ އެވެ.