17 Jul 2016, 19:33
ގާނޫނީ ވެރިކަމެއް ބަޣާވާތަކުން ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އެރުދުގާން އަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.
ތުރުކީއަށް ބަޣާވާތެއް ގެންނަން މަސައްކަތްކުރި ހަބަރު އިވިވަޑައިގެން ނުހަނު ކަންބޮޑުވެ ހައިރާންވެ ވަޑައިގެންނެވިކަމަށް ވިދާޅުވެ، ރައީސް ފޮނުއްވި މެސެޖުގައި ވަނީ ތުރުކީގެ ސަރުކާރާ އެކު ރާއްޖެއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެގައުމުގެ ރައީސަށް ދެއްވާފައެވެ.
އަދި ވިދާޅުވީ، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އިންތިހާބު ވެފައިވާ ވެރިކަމެއް ގާނޫނު އަސާސީއާ ހިލާފަށް ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރަސީ މުޖުތަމައުއެއްގައި ޖާގައެއް ނޯންނާނެ ކަމަށެވެ.
"އެއްވެސް ކަހަލަ އަސްކަރީ ބަޣާވާތެއް އަދި ޑިމޮކްރަސީގެ ހަމަތައް ނަގާލަން މަސައްކަތްކުރުމަކީ ރާއްޖެއިން ދެކޮޅު ހަދާކަމެއް،" ތުރުކީގެ ރައީސަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ތުރުކީގެ ވެރިކަމާ 2003 ވަނަ އަހަރު އެރުދުގާން ހޮވިވަޑައިގަތުމުން އެމަނިކުފާނުގެ ސަބަބުން ތުރުކީގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ބަޔަކަށް އިންސާފުގެ މަގުގައި ދެމި ތިބުމަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަށާއި ތަރައްގީ ގެނައުމަށް ހިތްވަރު ލިބިގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ތުރުކީގެ ރައީސް އެރުދުގާން 2005 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅު މަތިން ދިވެހިން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ޒަމާންވީ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމަށް ފާހަގަކުރެއްވި އެވެ.