17 Jul 2016, 19:13
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމަށް އަޅަންޖެހޭ ކޮންކުރިޓްގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް އެމަސައްކަތްކުރާ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ބުނެފިއެވެ.
ނޫސްވެރިންނަށް ބްރިޖުގެ ކަންކަން ދައްކާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕްރޮޖެކްޓްގެ މެނޭޖަރު ލިން ސްކުއީ ވިދާޅުވީ ކުރިއަށްއޮތް ހަތްމަސް ތެރޭގައި ބްރިޖުގެ ފައުންޑޭޝަން އަޅައި ފެނުންމަތިން ފެންނަން ފަށާނެ ކަމަށެވެ.
"އަހަރެމެން ބްރިޖުގެ މާލޭ ސައިޓްގެ ޕާމަނަންޓް ފައުންޑޭޝަން އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނަން، ކުރިއަށްއޮތް ހަތްވަރަކަށް މަސް ތެރޭގައި ބްރިޖު ފައުންޑޭޝަން ފެންނަން ފަށާނެ،" ލީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބްރިޖު އެޅުމަށް ހަދަންޖެހޭ ވަގުތީ ބްރިޖުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ބުރިޖު އެޅުމަށްޓަކައި ހަދަންޖެހޭ ޕައިޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.
ސީސީސީސީގެ ފަރާތުން ވަނީ އެމަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލާފައެވެ.
ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު ސައިޓުގައި ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. މާލޭ ސައިޓުގެ މައިގަނޑު މަސައްކަތަކީ ބެޗިން ޕްލާންޓުތަކުން ޕައިލްތަކަށް ބޭނުންވާ ކޮންކްރީޓްހެދުމެވެ. އެކަމަށް ބޭނުންކުރަނީ ވަރަށް ބޮޑެތި ޕްލާންޓްތަކެކެވެ. އަދި ބޭނުންވާތަކެތި އުފުލުމަށް 40 ޓަނު އުފުލޭ ދެ ކެރޭން ބޭނުންކުރެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ހައުސިން މިނިސްޓްރީން ބުނީ ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބްރިޖުގައި އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.