17 Jul 2016, 17:12
ޑިސްޕިއުޓު މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރާ މަރުހަލާގައި ވަގުތީ އަމުރުތަކާ މެދު ގޮތެއް ނުނިންމާނެ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ކޮމެޓީތަކާއި ގުނަވަންތައް ޕާޓީގެ ރައީސްގެ ހުއްދަ ނެތި ނުބާއްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގާފައިވާ އެންގުމަށް އަމަލުކުރަން ފަސްކޮށްދިނުމުގެ އަމުރަކަށް މައްސަލަ ހުށަހެޅުއްވި ދެ މެމްބަރުން ވަނީ އެ ކޯޓުގައި އެދިވަޑައިގެންފައި ކަމަށެވެ. ނަމަވެސް އެ އަމުރާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޑިސްޕިއުޓު މަރުހަލާ އަކީ ވަގުތީ އަމުރާ މެދު ގޮތް ނިންމާނެ މަރުހަލާއެއް ނޫން. އެ މަރުހަލާގައި އޮންނާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދޭތޯ ބެލުން. ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ ޝަރީއަތަށް މައްސަލަ ފޮނުވާނީ. އެހިސާބުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމާނީ،" ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ އަމުރަށް އެދިވަޑައިގެންފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
ޕީޕީއެމްގެ ރައީސްގެ ހުއްދަ ނެތި އެ ޕާޓީގެ ކޮމެޓީތައް ނުބޭއްވުމަށް އެންގެވި އެންގުން މައުމޫން ވަނީ މިމަހުގެ 14 ވަނަ ދުވަހު އަނބުރާ ގެންދަވާފަ އެވެ.
އެ ނިންމުން އަނބުރާ ގެންދެވުމަށްފަހު މައުމޫން އެދިވަޑައިގެންފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކޮމެޓީތައް ބޭއްވުމަށެވެ.
ޝިޔާމާއި ޝާހިދު ހުށަހެޅުއްވި މައްސަލާގައި މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ.
އެބައްދަލުވުމަށް ޝިޔާމާއި ޝާހިދުގެ ފަރާތުން ހާޒިރުވެވަޑައިގަތީ ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމެވެ. ޕީޕީއެމްގެ ފަރާތުން ހާޒިރުވެވަޑައިގަތީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމެވެ.
އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ 1:30 ގަ އެވެ.