ދެ ހަފުތާގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލިސް ދެން އޮންނާނެ ތާރީހެއް ވެސް ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ހޯމަ އަންގާރަ އަދި ބުދަ ދުވަހު ބާއްވަން ޖެހެ އެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާއިރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ ދެ އިސްލާހެއް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ހަމައެއާއެކު އިންތިހާބުތަކާއި ބެހޭ ގާނޫނަށް އާމިރު ހުށަހަޅުއްވާފައިވާ އިސްލާހެއް ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މާދަމާގެ ޖަލްސާގައި ފޮރިން މިނިސްޓަރު ކަމަށް ދާދިފަހުން ރައީސް އަބްދުﷲ ޔާމީނު އައްޔަން ކުރެއްވި ޑރ. މުހައްމަދު އާސިމަށް ރުހުން ދިނުމުގެ މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި މާދަމާގެ ޖަލްސާގައި ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) އައްޔަން ކުރުމުގެ ބާރު މިނިސްޓަރަށް ލިބިދޭ އިސްލާހަށް ވޯޓަށް އެހުން ވެސް މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.