ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު (ނެޝަނަލް އާކައިވްސް) ޑިޖިޓަލް އަރުޝީފަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، އެކަން ކުރުމަށް ބޭނުންވާ ރޮބޮޓިކް ސްކޭނަރު މިއަދު ތައާރަފު ކޮށްފި އެވެ.

ގައުމީ އަރުޝީފަށް ބޭނުންވާ ރޮބޮޓިކް ސްކޭނަރު ފޯރުކޮށްދެނީ ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ސަންޖޭ ލަންކާ ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސްކޭނަރު ގައުމީ އަރުޝީފަށް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަންޖޭ ލަންކާ ކޮމްޕެނީގެ ޑިރެކްޓަރު ތޯރިގު ޝަނޫނާއި ދިވެހިރާއްޖޭގެ ގައުމީ އަރުޝީދުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާތިރު އެވެ.

ގައުމީ އަރުޝީފުން ބޭނުންކުރަން ހަމަޖެހިފައިވާ ރޮބޮޓިކް ސްކޭނަރު --

ގައުމީ އަރުޝީފުން ބޭނުން ކުރަން ފަށާ ރޮބޮޓިކް ސްކޭނަރަކީ އޮސްޓްރިއާގެ ކިޑެނަސް ޓެކްނޮލޮޖީސްގެ އުފެއްދުމެކެވެ. ކިޑެނަސްގެ ރޮބޮޓިކް ސީރީޒްގެ ބުކް ސްކޭން 4.0 މެޝިނަކީ ގަޑިއެއްގެ ތެރޭގައި 2،600 ސޮފްހާ ސްކޭން ކުރެވޭ މެޝިނެކެވެ. މި މެޝިނުގައި ފޮތް ހުޅުވާފައި ބޭއްވުމަށް ފޮތް ގޮނޑިއެއް ކަހަލަ އެއްޗެއް ހުންނަ އިރު، ހަމަ އެ ބައްޓަމަށް ހުންނަ ސްކޭނަރެއް މަތިން އައިސް ފޮތް ގޮނޑީގައި އޮތް ފޮތުގައި ޖައްސައި، ދެ ސޮފްހާ އެއްފަހަރާ ސްކޭނު ކުރެ އެވެ.

މީގެ އިތުރުން، ފޮތުގެ ގަނޑު އެއްލުމަށް އިނގިއްޔެއް ފަދައިން ހުންނަ މެޝިނެއް ވެސް ސްކޭނަރުގެ ތެރޭގައި މަސައްކަތް ކުރެ އެވެ. މިއީ މުޅިން އޮޓޮމެޓިކުން ހިނގާ ޕްރޮސެސްއެކެވެ.

ގައުމީ އަރުޝީފުން މައުލޫމާތު ދޭ ގޮތުގައި މިއީ މި ބާވަތުގެ ސްކޭނަރެއް ރާއްޖެއަށް ގެނެވޭ ފުރަތަމަ ފަހަރެވެ. އަދި އާދައިގެ ސްކޭނަރުތަކުން 10 ގަޑިއިރުގެ ތެރޭގައި ކުރާ މަސައްކަތް މި މެޝިނުން 10 މިނިޓުން ކުރެ އެވެ.

ގައުމީ އަރުޝީފުން ބޭނުންކުރަން ހަމަޖެހިފައިވާ ރޮބޮޓިކް ސްކޭނަރު --

ގައުމީ އަރުޝީފުން ވަނީ ދައުލަތުގެ ޕަބްލިކް ރެކޯޑުތައް ޑިޖިޓަލައިޒް ކުރުމަށް ޚާއްސަ މަަސައްކަތެއް ފަށައިފަ އެވެ. އަދި ރާއްޖޭގެ ތާރީޚީ އަދި ގަދީމީ ލިޔެކިޔުންތައް އަބަދަށް ރައްކާތެރިކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަންގެ ނަމުގައި ހިންގާ މި ޕްރޮގްރާމުގެ ދަށުން، އަރުޝީފުގައި މިހާރު ހުރި ދައުލަތުގެ ގަދީމީ ލިޔެކިޔުންތަކާޢި ފަތްކޮޅުތަކާއި ރެކޯޑުތަކަށް، ކަމާ ބެހޭ ފަރުވާތައް ދީ އަބަދަށް ދެމެހެއްޓޭނެ ގޮތަކަށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. އަދި އޭގެ އިތުރުން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތަކުގެ ލިޔުންތައް ވެސް އެފަދައިން ޕްރިޒާވް ކުރެވޭނެ އެވެ.

މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު ފާހަގަކުރި، އަރުޝީފުތަކާ ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ގައުމީ އަރުޝީފުން ބޭއްވި ޖަލްސާގަ އެވެ.