17 Jul 2016, 14:52
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ފޮލިސް ކްލަބު ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މެޗުގައި ޕޮލިސް ކްލަބު ވަނީ ފަސޭހަކަމާ އެކު ކްލަބު ތުރީ ސްޓާ އަތުން މޮޅުވެފަ އެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ކްލަބު ސްޓާ އަތުން ޕުލުހުން ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ފުލުހުން ގެންދިޔައީ 20-25، 16-25 އަދި 16-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ފާތިމަތު ޖޫޒާން ޒަރީރެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އައިލެންޑް އޯޝަން ކްލަބާއި ސްޕޯޓްސް ކްލަބު ހޯކްސް އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އައިލެންޑް އޯޝަން ކްލަބެވެ. އެ ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 12-25، 19-25 އަދި 15-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިލެންޑް އޯޝަން ކްލަބުގެ ދީމާ މުހައްމަދެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލު މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އެވެ. ސެމީގެ ދެވަނަ މެޗު މިއަދު ހަވީރު 4:30ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ.
ސަލްސާ އެސޯސިއޭޝަން ކަޕުގެ ކުޅުން މި މަހުގެ 10 އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.