17 Jul 2016, 13:33
އަލެއްޕޯ (ޖުލައި 17): ސީރިއާގެ އަލެއްޕޯއަށް އިއްޔެ ވައިގެ ހަމަލާތައްދީ 28 މީހަކު މަރާލާފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ސީރިއާ ސަރުކާރުން ނުވަތަ ރަޝިއާގެ ހަނގުރާމަ މަތީ ބޯޓުތަކުން ދިން ހަމަލާތައް ކަމަށް ބެލެވޭ އެހަމަލާތައް ދީފައި ވަނީ ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އަލެއްޕޯގެ އިރުމަތީގައިވާ ސަރަހައްދުތަކަށެވެ. އޭގެ ތެރެއިން ބައެއް ހަމަލާތައް އެސަރަހައްދުގައިވާ ހޮސްޕިޓަލަކަށް އަމާޒުވެ، ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި ބަލި މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
"ދަންވަރުން ފެށިގެން 11:00 ޖަހަންދެން ހޮސްޕިޓަލަށް ވަނީ އެކި ބާވަތްތަކުގެ ހަތިޔާރުން ހަމަލާދީފައި. ހޮސްޕިޓަލް ދެން ބޭނުން ނުކުރެވޭނެ،" ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ޚައިރު ވިދާޅުވި އެވެ.
ސީރިއާގެ ސަރުކާރުން ވަނީ ސަރުކާރުގެ ފައުޖުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން އިގުތިސާދީ ގޮތުންނާއި ސިނާއީ ގޮތުން ސީރިއާގައި އެންމެ ކުރިއަރާފައިވާ އެއް ސިޓީގެ ގޮތުގައި ފާހަގަ ކުރެވުނު އަލެއްޕޯއަށް ވެރިވުމަށް ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން ކުރާ ހަނގުރާމައިގައި އަލެއްޕޯ ވަނީ ދެބަޔަށް ބެހިފަ އެވެ. ނަމަވެސް ރަޝިއާގެ އެއްބާރުލުމާ އެކު ސީރިއާ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދު ވަށާލައި، އެމީހުންނަށްދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. (އޭއެފްޕީ)