ވޮޝިންޓަން (ޖުލައި 17): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި މިހާރު ހުންނެވި ހަމައެކަނި ކެންޑިޑޭޓު، ޑޮނަލްޑް ޓްރަމްޕް އޭނާގެ ރަނިން މޭޓަކަށް އިންޑިއާނާ ސްޓޭޓުގެ ގަވަރުނަރު މައިކް ޕެންސް އައްޔަން ކުރައްވައިފި އެވެ.

ހުކުރު ދުވަހު ނިއުޔޯކުގައި އޮތް ކެމްޕެއިން ރެލީއެއްގައި ރަނިންމޭޓް އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ރަނިންމޭޓަކީ "ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ނައިބު ރައީސަކަށް ވާނެ" ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އަދި ޕެންސް ވަނީ ޓްރަމްޕްގެ ރަނިންމޭޓަކަށް ވުމަކީ އޭނާއަށް ލިބިލައްވާ ޝަރަފެއްގެ ގޮތުގަ ސިފަ ކުރައްވާފަ އެވެ.

ޕެންސްއަކީ މީގެ ކުރިން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރެއްވި ޓެޑް ކްރޫޒްއަށް ތާއިދު ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ އެމެރިކާއަށް މުސްލިމުން ވެއްދުން މަނާ ކުރުމަށް ޓްރަމްޕު ގޮވާލެއްވުމުން އެކަން ކުށްވެރި ކުރައްވާ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، 57 އަހަރުގެ ޕެންސްއަކީ އެމެރިކާގެ ކޮންގްރެސްގައި 12 އަހަރު ހޭދަ ކުރައްވާފައިވާ، ރިޕަބްލިކަން ޕާޓީގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ޓްރަމްޕްގެ ރަނިން މޭޓުގެ ގޮތުގައި ޕެންސް ހިޔާރު ކުރައްވާފައި ވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި ޓްރަމްޕަށް ތާއިދު ހޯއްދެވުމަށް ކަމަށް ކަމާ ބެހޭ މާހިރުން ދެކި ލައްވަ އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަން ރަސްމީކޮށް އިއުލާން ކުރާނީ މި އަންނަ ހަފްތާގައި ކްލީވްލޭންޑުގައި އޮންނަ ޕާޓީގެ ގައުމީ ކޮންވެންޝަންގަ އެވެ. (ބީބީސީ)