ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބު ސަންޑަލޭންޑްގެ އިޓަލީ މިޑްފީލްޑަރު އެމަނުއެލް ޖަކަރީނީ އިޓަލީގެ ނަޕޯލީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ޖަކަރީނީ އިޓަލީގެ ޔުވެންޓަސް އިން 2013 ވަނަ އަހަރު ސަންޑަލޭންޑަށް ބަދަލުވި ނަމަވެސް، ފާއިތުވެދިޔަ ތިން ސީޒަނުގައި އެ ކްލަބަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އޭނާ ކުޅުނީ އިޓަލީގެ ބޮލޯނިއާ އަށެވެ.

"އަހަރެން މި ގުޅުނީ ވަރަށް މުހިއްމު އަދި ވަރަށް ހާއްސަ ކްލަބަކަށް. ނަޕޯލީގެ ޖާޒީ ލައިގެން ކުޅެލަން ފުރުސަތު ލިބުމުން އުފާކުރަން. ނަޕޯލީއާ އެކު އަހަރެންގެ އާ ދަތުރު ފަށަން މިހުރީ ކެތްމަދުވެފައި،" ޖަކަރީނީ ބުންޏެވެ.

ޖަކަރީނީ ވަނީ މި މަހު ނިމިގެންދިޔަ ޔޫރޯގައި އިޓަލީއާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އިޓަލީން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު، އޭނާ ވަނީ އެ މުބާރާތުގައި ލަނޑެއް ވެސް ކާމިޔާބުކޮށްފަ އެވެ.