17 Jul 2016, 12:19
ކުރިއަށް އޮތް އިންތިހާބުތަކުގައި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ އެހީތެރިކަމާއެކު ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އެވެ. އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އީސީގެ ރައީސް ސުލައިމާނު ވިދާޅުވީ އެލްޖީއޭއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކުގައި ކައުންސިލުތަކުގެ އެހީތެރިކަން އެ ކޮމިޝަނަށް ލިބިގެންދާނެ ކަމަށެވެ.
"ބައެއް ފަރާތްތަކުން ހީފުޅުކޮށްފައިވާނެ ކައުންސިލުތަކުގެ އެއްބާރުލުން އަޅުގަނޑުމެން {އިލެކްޝަންސް ކޮމިޝަން} ހޯދަން އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއިރު، ކައުންސިލުތަކުގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންނޭ. އެހެންވީމަ އެފަރާތްތަކުގެ ޝައްކު ފިލުވާލުމުގެ ގޮތުން އަޅުގަނޑު ބުނެލަން ބޭނުން ވަނީ އިންތިހާބުތަކުގައި ކައުންސިލުތަކުގެ ފަރާތުން އިލެކްޝަނަށް އެހީތެރިވެދެއްވާނީ އެ ކައުންސިލެއްގައި ހިމެނިވަޑައިގަންނަވާ ޒިންމާދާރު ވެރިޔާ،" ސުލައިމާނު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ސުލައިމާނު (މ) އަދި އެލްޖީއޭގެ ނައިބު ރައީސް މޫސާ ލަތީފު (ކ): ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މާލިއްޔަތު ގާނޫނުގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އެހެންކަމާއެކު މި ފުރުސަތުގައި ވެސް އަޅުގަނޑު ދަންނަވަން އިރާދަކުރެއްވިއްޔާ ލޯކަލް ގަވަރުމަންޓު އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނާއި އެއްކޮށް ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ދެމުން ގެންދާނެ ވާހަކަ،" މޫސާ ނަސީރު ވިދާޅުވި އެވެ.
އެލްޖީއޭގެ އެހީތެރިކަމާއި އެކު ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުން އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވުނުއިރު އިލެކްޝަނުން އަންނަނީ އިންތިހާބުތަކުގައި އީވޯޓިން ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ނެވެ.