17 Jul 2016, 12:55
ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޮވަންއާ ދެކޮޅަށް މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި އަނިޔާވި ޑިފެންޑަރު ލޫކް ޝޯ 10 މަސް ދުވަހަށް ފަހު އަލުން ކުޅުމުގެ ތެރެއަށް ނުކުމެއްޖެއެވެ.
ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖްގައި ޕީއެސްވީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި ޕީއެސްވީގެ ހެކްޓާ މޮރޭނޯ ކުރި ނުރައްކާތެރި ޓެކުލް އަކާ ގުޅިގެން ޝޯގެ ކަނާއަތު ފައިގެ ދެ ތަނަކުން ވަނީ ބިންދައިގެން ގޮސްފައެވެ.
އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިދިޔަ މަހު ޝޯވަނީ އަނިޔާއިން މުޅިން ސަލާމަތްވެ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ރޭ އެޓީމުން ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި ވިގަންއާ ދެކޮޅަށް ވެސް ކުޅެފައެވެ.
"ތަމްރީން ތަކުގައި ލޫކް ޝޯ ފެނިފައި ހައިރާންވި. އަހަރެން ހިއެއް ނުކުރުން އޭނާ އަށް ކުޅުމުގެ ތެރެއަށް އަދި އާދެވޭނެ ކަމަކަށް. ނަމަވެސް އޭނާ އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ރިކަވާ ވަމުން،" ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޝޯ ވަނީ އޭނާގެ ޗުއްޓީ ވެސް ގުރުބާން ކޮށްލުމަށް ފަހު ޔުނައިޓެޑްގައި މަޑުކޮށް ކޮންމެ ދުވަހަކު ތަމްރީންތަކުގައި ބައިވެރިވަމުން ކަމަށާއި ނަތީޖާ އެއްގެ ގޮތުން ރޭގެ މެޗުގެ 45 މިނެޓް އެއްވެސް މައްސަލަ އެއް ދިމާނުވެ އޭނާ ފުރިހަމަ ކުރި ކަމަށެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ރޭ ވިގަން އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގޯލުތައް ކާމިޔާބު ކުރީ ވިލް ކީން އާއި އަންޑްރެއަސް ޕެރޭރާ އެވެ.