"އޯޕަން ހައުސް މީޑިއާ ވީކް"ގެ ނަމުގައި މީޑިއާތަކާއެކު ޖުޑިޝަރީއިން ފާހަގަކުރަމުންދާ ހަފްތާގައި މީޑިއާ ކައުންސިލްގެ މެމްބަރުންނާއެކު ބާއްވަން ތާވަލު ކުރި ބައްދަލުވުމަށް އެ ކައުންސިލުގެ މެމްބަރުން ހާޒިރެއް ނުވި އެވެ.

މިއަދު ހެނދުނު ނުވައެއް ޖަހާއިރަށް ތާވަލު ކުރި އެ ބައްދަލުވުން މީޑިއާ ކައުންސިލުގެ މެމްބަރުން ހާޒިރުނުވެގެން ކެންސަލް ކުރިކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.

ބައްދަލުވުމަށް ނުދެވޭނެކަން މީޑިއާ ކައުންސިލުން އަންގާފައި ވަނީ އެބައްދަލުވުން ފެށުމަށް ތާވަލުކުރި ވަގުތު ފާއިތުވި ފަހުން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ. އަދި ސަބަބެއް ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވަނީ ބައެއް މެމްބަރުން ފޯނު ނުނެގުމާއި ސަލާމުގައި ތިބުން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.

"މި ބައްދަލުވުން ކެންސަލަކޮށްފައި މި ވަނީ، ބައްދަލުވުމަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަދު ސަލާމުގައި ތިއްބެވި ކަމަށާއި، ބައެއް މެންބަރުން ފޯނު ނުނަންގަވާ ކަމަށް، ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ވަގުތު ފާއިތުވި ފަހުން ކައުންސިލުގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅައި، މައުލޫމާތު ދެއްވުމާގުޅިގެން،" ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއެކު ޝަރުއީ ދާއިރާއިން ބޭއްވުމަށް ތާވަލްކުރެވުނު ބައްދަލުވުމަކީ، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާހައުލެއް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.

"މިއީ ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާޙައުލެއް ގާއިމްކޮށް، ދެމެހެއްޓުމަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން އިންތިޒާމް ކުރި ބައްދަލުވުމެއް،" ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު)އަށް ގުޅާލުމުން ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށްފަހު ރާއްޖެ ވަޑައިގެންނެވީ މިއަދު ކަމަށާއި އެކަމާ ގުޅޭ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސަށް ގުޅާލުމުން ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ މާލޭއިން ބޭރުގައި ކަމަށެވެ.

މީޑިއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށް އިންތިހާބުކޮށްފައިވާ މެމްބަރުންގެ ތެރޭގައި އެކިއެކި މީޑިއާތަކުން އިންތިހާބުކޮށްފައިވާ އަށް މެމްބަރުން ތިއްބަވަ އެވެ. އަދި އާންމުންގެ ތެރެއިން ހަތް މެމްބަރަކު އެ ކައުންސިލަށް އިންތިހާބުކޮށްފައިވެ އެވެ.

ޝަރުއީ ދާއިރާގެ "އޯޕަން ހައުސް މީޑިއާ ވީކް" ގައި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކުރުމުގެ އިތުރުން ކޯޓު ކަވަރުކުރާ ނޫސްވެރިންނަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފަނޑިޔާރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބިގެންދާނެ ކަމަށް ވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.