17 Jul 2016, 12:42
ޕެންސިލްވީނިޔާ (ޖުލައި 17) : ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ އިންގިލާބާ އެއްވެސް ގުޅުމެއް ނުވާ ކަމަށާއި އެއީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ރޭއްވެވުމަކަށް ވެސް ވެދާނެ ކަމަށް އެގައުމުގެ އިދިކޮޅު ދީނީ އިލްމުވެރިއެއް ކަމަށްވާ ފަތްހުﷲ ގުލެން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޕެންސިލްވީނިޔާގައި ދިރިއުޅުއްވާ ފަތްހުﷲ ގުލެން ވިދާޅުވީ ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ އިންގިލާބަކީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ރޭއްވެވުމެއްގެ ދަށުން ހިނގި ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެއީ ކޮންމެ ގޮތަކަށް ހިނގި ކަމެއް ނަމަވެސް އޭނާއާ އެކަމާ އެއްވެސް ގުޅުންނެތް ކަމުގަ އެވެ. ޕެންސިލްވީނިޔާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަތްހުﷲ ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ފަތްހުﷲ ވިދާޅުވީ އުރުދުޣާންއަކީ އޭނާ އަށް ފާޑުކިޔާ ފަރާތްތައް ހައްޔަރުކޮށް މިނިވަން ނޫސްވެރިން ޖަލަށްލައި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ރޫޅާލައި ތުރުކީގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ މުށުގެ ތެރެއަށްލައްވައިގެން ވެރިކަން ކުރައްވާ ހަރުކަށި ބޭފުޅެއް ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ އިންގިލާބަކީ އުރުދުޣާންގެ ކޮންޓްރޯލްގެ ދަށަށް ނުދާ ދެންހުރިކަންކަން ކޮންޓްރޯލް ކުރުމަށް ކުރެއްވި ކަމަކަށް ވެދާނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

ރައީސް އުރުދުޣާން ސިފައިންގެ އިސް ޖެނެރަލުންނާއެކު
އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ ގިނަ ނޫސްތަކެއް ބަންދުކޮށްފައިވާ އިރު ސަރުކާރަށް ފާޑުކިޔާ ގިނަ އަމިއްލަ ޓީވީ ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީ ސިފައިންގެ މަދުބަޔަކު އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ގެންނަން އުޅުނު ނާކާމިޔާބު އިންގިލާބުގެ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތު އުރުދުޣާންވަނީ ފަތުހުﷲ ގެ މައްޗަށް ކުރައްވާފަ އެވެ. އަދި އުރުދުޣާން ވަނީ ފަތްހުﷲގެ މައްޗަށް ޝަރީއަތް ހިންގުމަށް ޓަކައި އޭނާ ތުރުކީ ސަރުކާރާ ހަވާލުކުރުމަށް އެމެރިކާގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާ ވަނީ އެއިންގިލާބުގެ ފަހަތުގައި ފަތްހުﷲ ހުންނެވި ކަމުގެ ހެކި ދެއްކުމަށް އުރުދުޣާންގެ ކިބައިން އެދިފަ އެވެ.
ތުރުކީގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ފަތްހުﷲ އަކީ ކުރިން އުރުދުޣާންގެ ރަހްމަތްތެރި އެއްނަމަވެސް ސިޔާސީ ކަންކަމާގުޅިގެން ދެބޭފުޅުންވަނީ ދެ ހަތުރުންނަށް ވެފަ އެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އެމެރިކާގެ ޕެންސިލްވީނިޔާގަ އެވެ.
އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ތުރުކީ ސިފައިންގެ ބަޔަކު އިންގިލާބެއް ގެންނަން މަސައްކަތްކުރީ އުރުދުޣާންގެ ބައެއް ސިޔާސަތުތަކާމެދު ތުރުކީ ސިފައިންގެ ބައެއް ފަރާތްތައް ހިތްހަމަނުޖެހޭތީކަމަށް ތުރުކީގެ ބައެއް މުހައްލިލުން ވިދާޅުވެ އެވެ. މީގެ ތެރޭގައި ތުރުކީގައި ދިރިއުޅޭ ބައިމަދު ކުރުދީ ދަރިކޮޅުގެ ހައްގުތަކަށް މަސައްކަތް ޕީކޭކޭ ޕާޓީ އާ ސުލްޙަވުމުގެ ބަދަލުގައި އެޕާޓީއާ ދެކޮޅަށް ހުއްޓުމެއްނެތް ހަނގުރާމައެއް ކުރިޔަށް ގެންދިޔުމާއި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ތުރުކީ ވެދެގަނެ ސޫރިޔާގެ އިދިކޮޅު ޖަމާއަތަކަށް ހަތިޔާރާއި ތަމްރީން ދިނުމާ އަދި ތުރުކީ ސަރުކާރުން އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވެދިނުން ހިމެނެއެވެ.

އިންގިލާބާ ދެކޮޅަށް ތުރުކީ ރައްޔިތުން މުޒާހަރާކުރަނީ
ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އުރުދުޣާންގެ ވެރިކަމުގައި ވަދެގަތުމުގެ ނަތީޖާއަކީ ސޫރިޔާގެ ރެފިއުޖީންގެ ތިން މިލިޔަނެއްހާ މީހުން ތުރުކީއަށް ހިޖްކޮށް އެމީހުންގެ ބުރަ ތުރުކީ ރައްޔިތުން އުފުލާންޖެހުމެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމަށް އުރުދުޣާން ގެންގުޅުއްވި ސިއްރު ސިޔާސަތުތަކުގެ ނަތީޖާއަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ޚުދު ތުރުކީ ވެގެންގޮސް އެގައުމުގެ އެތަންމިތަނުގައި ބޮން ގޮއްވައި އާންމުންގެ އެތަށް ސަތޭކަ ބައެއްގެ ފުރާނަގޮސް ތުރުކީގެ ޓޫރިޒަމްގެ 40 އިންސައްތައަށް ދަށަށްދިޔުންކަމަށް އުރުދުޣާންއާ އިދިކޮޅު ފަރާތްތަކުން ދެކެއެވެ.
އުރުދުޣާންގެ ވެރިކަމުގައި ތުރުކީވަނީ އަވަށްޓެރި ހުރިހާ ގައުމުތަކާ ޖެހިފައެވެ. މީގެއިތުރުން ރަޝިޔާގެ ބޯޓެއް ވައްޓާލައިގެން ރަޝިޔާއާވެސް ދުޝްމަންވެފައިވާއިރު ރެފިއުޖީންގެ މައްސަލާގައި ތުރުކީވަނީ ޔޫރަޕާވެސް ޖެހިފައެވެ. އެހެންކަމުން އުރުދުޣާންގެ ވެރިކަމުގައި މިފަހަކަށް އައިސް ތުރުކީވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައެވެ. މިކަމުގެ ނޭދެވޭ އަސަރުތަކާ ވަރަށް ހިތި ގޮތަކަށް ތުރުކީ ރައްޔިތުން ކުރިމަތިލާން ޖެހުމުން އުރުދުޣާން މިހާރުވަނީ އޭނާގެ ހަރުކަށި ސިޔާސަތުތައް ބަދަލުކުރައްވަން ފައްޓަވާފައެވެ.
މިގޮތުން ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް މިދިޔަ ހަފްތާގައިވަނީ ސޫރިޔާއާ އަލުން ގުޅުންތައް ރަނގަނޅުކޮށް އެގައުމާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަން ތުރުކީ ބޭނުންވާކަން އިއުލާން ކުރައްވާފައެވެ. މީގެއިތުރުން އުރުދުޣާން ދާދިފަހުންވަނީ ރަޝިޔާ ބޭނުންވިގޮތަށް ރަޝިޔާގެ ކިބައިން މަޢާފަށްއެދިވަޑައިގެން ރަޝިޔާއާވެސް ގުޅުންތައް އަލުން ގާއިމް ކުރައްވާފައެވެ. އަދި އުރުދުޣާންވަނީ ދާދިފަހުން އިސްރާއީލާ އެކުވެސް އަލުން ގުޅުންތައް ގާއިމް ކުރައްވައި އިސްރާއީލާއެކު އޮތް މައްސަލަތައްވެސް ހައްލުކޮށްފައެވެ.
މިއާއެކު މިސްރާއި އިރާގާއި ސޫރިޔާއާއެކުވެސް އަލުން ގުޅުންތައް ގާއިމް ކުރައްވާނެ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް މިދިޔަ ހަފްތާގައިވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)