މ. މުލަކު ސޯސަންގެއަށް ވަންނަން ހުންނަ މައި ދޮރުގެ ކަނާތްފަރާތު ދޮރު ކަނި ކައިރިން އާދަޔާ ޚިލާފަށް ހޫނުވެ ބިމުއަޑިން ދުންއަރަމުން ދާ އިރު އެއީ ގުދުރަތީ ކަމަކަށް ވުރެ މީހުންނާ ގުޅުން ހުރި ކަމަކުން ހިނގާ ކަމެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނެފި އެވެ.

އެއީ ކިހިނެއްވާކަމެއް ނޭނގި ކަންބޮޑުވުން އުފެދިފައިވާ އިރު ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަށްރަށް އުފެދިފައިވާ ގޮތާ ގުޅޭ ގޮތުން ޕީއެޗްޑީ ހައްދާފައިވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ ސަރަހައްދަކީ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދެއް ނޫން ކަމަށްވާ އިރު މިއީ އަލިފާން ފަރުބަދައަކުން ނުވަތަ ގުދުރަތީ ގޭހެއް ސަބަބުން ދިމާވާކަމެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

"ރިޖު މީނީ ދެ ކިލޯ މީޓަރު އަޑީގައި ގާތްގަނޑަކަށް 1700 ކިލޯ މީޓަރުގެ ފަރުމީނީ ދެ ކިލޯ މީޓަރު އަޑީގައި އެރިޖު މަތީގައި، އެހެންވީމާ އެއްވެސް ކަހަލަ ވޯލްކޭނިކް ކަމެއް އުޅޭނެ ކަމަކަށް ލަފައެއް ނުކުރެވޭ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

މުހައްމަދު އަލީ ގަބޫލް ކުރައްވާ ގޮތުގައި މިއީ އިންސާނުންނާ ގުޅުންހުރިކަމެކެވެ. އަމަލުކޮށްފައިވާ ކޮންމެވެސް ގޮތަކުން ނުވަތަ ހަދާފައިވާ ކޮންމެވެސް އެއްޗެއްގެ ސަބަބުންވާ ގޮތެކެވެ. ނޫނީ އޭނާ މިއީ އަޖަިއބުކުރުވަނިވި ގުދުރަތީ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިޔެއްނުވޭ މީގެ ކުރިން މިކަހަލަ ކަމެއް ވެފައި ހުރިހެނެއް، ލޯކަލް ކޮންމެވެސް ކަހަލަ ކަމެއް ސަބަބަކާއި ހުރެގެން ވާކަމެއްކަމަށް ލަފާ ކުރެވެނީ." މުހައްމަދު އަލީ ވިދާޅުވި އެވެ.

އިންސާނުންނާއި ގުޅުންހުރިކަމެއް ކަމަށް ލަފާކުރެވޭ އިރު އޭނާ އެންމެ ބޮޑަށް ގަބޫލްކުރަނީ މިއީ ކަރަންޓާއި ގުޅުންހުރިކަމެއް ކަމަށެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރުގެ އެތެރޭން ތަޅުންގަނޑު ތަޅާލައި ކޮނުނު އިރު ފެނުނު ހަތަރު ވަރަކަށް ފޫޓުގެ އާތު ދަގަނޑު ސިފައިންގެ ބޭފުޅަކު ދައްކާލަނީ (ވ) އަދި އެ ދަގަނޑުގެ މަތީގައި އަޅާފައި އިން ޕްލާސްޓިކް ކެޕެއް (ކ) -- ސަން ފޮޓޯ: ކިޔުންތެރިއެއް

އެގޭގެ ބިންގަނޑު ކޮނެގެން ބެލި އިރު، ވެލިގަނޑު ވެސް ހޫނެވެ. އަދި އަޑީގައި ހުރި ފެން ވެސް ހޫނެވެ. ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އެއީ ކަރަންޓުގެ މައްސަލައެއްތޯ ޗެކްކުރި އިރު އެއީ ކަރަންޓުގެ މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ނޫންކަން ވަނީ ކަށަވަރުކުރެވިފައި ކަމަށް ފުލުހުންބުނެ އެވެ.

ބިންގަނޑު އާދަޔާ ޚިލާފަށް ހޫނުވެ ބިމުއަޑިން ދުންއަރަމުން ދާތީ ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން ރޭ ވަނީ އެ ސަރަހައްދުކޮނެ ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓޫ ދިގު ދޮޅުއިންޗި ފަލަ މިނުގެ އާތު ރޮޑެއްނަގައިފަ އެވެ. އޭތި ނެގުމާ އެކު ކޮންމެވެސް ވަރަކަށް ހޫނުމިން ދަށްވުމުން ކުރިން ލަފާކުރީ އެއީ އާތް ރޮޑުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އެރަށު ކައުންސިލްއިން ބުނީ އަދިވެސް ހޫނުމިންދަށްނުވާ ކަމެއް ކަމަށެވެ.