23 May 2011, 11:27
މަރާލައި ކޯސްޓް ދަޅަކަށްލުމަށް ފަހު ވިލިމާލޭ ވަލު ތެރެއަށް އެއްލާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފެނުނު ހަ މަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތުހުމަތުކުރެވޭ އިތުރު މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެއީ އަންހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ދެ އަންހެނެކެވެ. އެއީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާއިރާ 30، އާއި ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ ކ. ހުރާ ސަކީނާ މަންޒިލް ފާތުމަތު އާނިޔާ 24، އެވެ. އެ ދެމީހުން ހައްޔަރުކުރީ މާލެގައި އެމީހުން ދިރިއުޅެމުންދާ މ. ގޯލްޑަންލީފް ގެއިންނެވެ.
ފުލުހުން ބުނީ، މީގެ ދެ ދުވަހެއް ކުރިން ވިހެއި ކަމަށް ޝައިރާ ތަހުގީގު ބުނެފައިވާ ކަމަށެވެ. އަދި ދަރިފުޅު ކޮބައިތޯ ސުވާލު ކުރުމުން ދަރިފުޅު ވީ ތަނެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ޝާއިރާގެ އިތުރު ތަހުލީލުތައް ޑޮކަޓަރުން މެދުވެރިކޮށް އަންނަނީ ކުރަމުން ނެވެ. އަދި ދަރިފުޅު ވިއްސަން އެހީތެރިވި ކަމަށް ބެލެވޭ ފާތުމަތު އާނިޔާ އާ ސުވާލު ކުރަމުން އަންނަ ކަމަށާއި ކުއްޖާ ވިއްސުމުގައި އަދި ކަންތައްތައް ކުރުމުގައި އެހީތެރިވެ ދީފައިވާ ކަމަށް އޭނާ އިއުތިރާފް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މަހުގެ ތެރޭ ވިހާފައި އެއްލާލާފައި އޮއްވާ ތިން ކުއްޖެއް ފެނުނު މައްސަލައާ ގުޅިގެން، ފުލުހުން ވަނީ އެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަން ފަށައިފަ އެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހު ޓްރެކް ސަރަހައްދުން ފެނުނު ކުއްޖާއާ ގުޅިގެން މުހިންމު މައުލޫމާތުތަކެއް ލިބި އެ މައުލޫމާތުތައް ވެރިފައި ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ޑީއެންއޭ ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.