17 Jul 2016, 09:48
އިސްތަންބޫލު (ޖުލައި 17): ތުރުކީއަށް އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން 2،700 އަށް ވުރެ ގިނަ ފަނޑިޔާރުން މަގާމުން ވަކިކޮށްފި އެވެ.
ތުރުކީގެ ނޫސް އޭޖެންސީތަކުން ރިޕޯޓު ކުރި ގޮތުގައި އެ ގައުމުގެ އެންމެ އިސް ޖުޑީޝަރީ ކަމަށްވާ ޕްރޮސިކިއުޓާސް ހައި ކައުންސިލުން ވަނީ އިއްޔެ 2،745 ފަނޑިޔާރުން މަގާމުން ވަކިކޮށްފަ އެވެ. އަދި އެ ކައުންސިލުގެ 10 ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ނަން ހާމަ ނުކުރުމަށް އެދި އެ އޮފިޝަލު ވިދާޅުވީ ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ "ބަޣާވާތް ކުރި މީހުންނާއި ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދައްކާފައިވާ ވާހަކަތަކާއި ފައިސާގެ މުއާމަލާތުތަކާ ގުޅިގެން" ކަމަށެވެ. އަދި ފަނޑިޔާރުން ހައްޔަރު ކުރުމަކީ އެމީހުން ބަޣާވާތުގައި ބައިވެރިވި ކަން ސާބިތުވުން ނޫން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެ ފަނޑިޔާރުންގެ އިތުރުން ތުރުކީ ސަރުކާރުން ވަނީ 2،839 ސިފައިން ހައްޔަރުކޮށްފަ އެވެ. އަދި ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވަނީ ހުކުރު ދުވަހުގެ ރޭ ތުރުކީއަށް ގެންނަށް މަސައްކަތް ކުރި ބަޣާވާތުގައި މަރުވި މީހުންގެ އަދަދު 265 އަށް އަރާ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)