17 Jul 2016, 09:32
މ. މުލަކު ގެއެއްގެ ބިމުގެ އަޑިން ދުންއަރަނީ އާތު ރޮޑެއްގެ ސަބަބުން ކަމަށްހީކޮށް، އެ އާތު ރޮޑު ނެގުމުން ވެސް އެ ތަނުގެ ހޫނުމިން ދަށް ނުވާ ކަމަށް ކައުންސިލް އިން ބުނެފި އެވެ.
މުލަކު ސޯސަންގެ ބިންގަނޑު އާދަޔާ ޚިލާފަށް ހޫނުވެ ބިމުއަޑިން ދުންއަރަމުން ދާތީ ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން ރޭ ވަނީ އެ ސަރަހައްދުކޮނެ ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓޫ ދިގު ދޮޅުއިންޗި ފަލަ މިނުގެ އާތު ރޮޑެއްނަގައިފަ އެވެ. އޭތި ނެގުމާ އެކު ކޮންމެވެސް ވަރަކަށް ހޫނުމިން ދަށްވުމުން ކުރިން ލަފާކުރީ އެއީ އާތް ރޮޑުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
މުލަކު ކައުންސިލްގެ މެންބަރު އިބްރާހީމް ލަތީފް މިއަދު ސަންއަށް ވިދާޅުވީ، އެ ދަގަނޑު ރޭ ނެގި އިރު އެސަރަހައްދުގެ ހޫނުމިން 53 ޑިގްރީ ސެލްސިއަސްއަށް ދަށްވި ނަމަވެސް މިހާރު އަނެއްކާ ވެސް 62 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން ހުރި ކަމަށެވެ.
"އެރޮޑް ނެގިޔަސް މިހާރު ވެސް ޓެމްޕަރޭޗާ އުޅެނީ 62 ގައި، އަދި ބަދަލެއް ނާދޭ،" ލަތީފް ވިދާޅުވި އެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެ ގެ ހިމެނޭ ސަރަހައްދު ބަޔަކު ބަލަހައްޓައިގެން -- ސަން ފޮޓޯ: ކިޔުންތެރިއެއް
އޭނާ ވިދާޅުވީ އެހެންކަމުން އަދި ވެސް އެވާގޮތެއް ނޭނގޭ ކަމަށާއި އެކަން އަދިވެސް ބަލަމުން އަންނަ ކަމަށެވެ.
އެގޭގެ ބިންގަނޑު ކޮނެގެން ބެލި އިރު، ވެލިގަނޑު ވެސް ހޫނެވެ. އަދި އަޑީގައި ހުރި ފެން ވެސް ހޫނެވެ. ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އެއީ ކަރަންޓުގެ މައްސަލައެއްތޯ ޗެކްކުރި އިރު އެއީ ކަރަންޓުގެ މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ އެވެ.