17 Jul 2016, 01:21
ހޮނިހިރު ދުވަހު ހަވީރު މުޅި ރާއްޖެއަށް ސިހުން ލިބިގެންދިޔަ މ. މުލަކު ގެއެއްގެ ބިންގަނޑު އާދަޔާ ޚިލާފަށް ހޫނުވެ ބިމުއަޑިން ދުންއަރަމުން ދާ ވާހަކައެވެ. މުޅި ރަށުތެރެއަށް ވަނީ ހާސްކަމާ ކަންބޮޑުވުން ފެތުރިފައެވެ. މުލަކު ސޯސަންގެއަށް ވަންނަން ހުންނަ މައި ދޮރުގެ ކަނާތްފަރާތު ދޮރު ކަނި ކައިރިން، ބިމު އަޑިން ހަމައެކަނި ދުންއެރީއެއް ނޫނެވެ. އެހިސާބުގެ ބިންގަނޑު ހުރީ ވަރަށް ބޮޑަށް ހޫނުވެސް ވެފައެވެ. އެއާއެކު ރަށު ކައުންސިލާއި ފުލުހުންނާއި ސިފައިން ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮނިހިރު ދުވަހު މެންދުރުފަހު 2:30 ހާއިރު އެ މައުލޫމާތު ލިބުމާ އެކު ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުޙައްމަދު ވިދާޅުވީ، ފުލުހުންނާއެކު ސިފައިވެންސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސޯސަންގޭގައި ދިރިއުޅޭ މީހުންނާ ހަވާލާދީ މުލަކު ކައުންސިލް މެންބަރު އިބްރާހީމް ލަޠީފް ސަންއަށް ވިދާޅުވިގޮތުގައި އެރަށު ބޮޑު މަގުގެ މެދެއްހާ ހިސާބުގައި ހުންނަ، ސޯސަންގޭ މައި ދޮރުގެ ކަނާތްފަރާތު ދޮރުކަނި ކައިރިން ބިންގަނޑުން ހޫނުގެ އިހްސާސް ކުރެވޭތާ ދެދުވަހެއް ވަރު ވެއްޖެއެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އެ މައްސަލަ ކައުންސިލަށް ރިޕޯޓު ކުރުމުން ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ، އެތަން ކޮނެފައެވެ. އަދި ކޮންނަމުން ދިޔަ އިރުވެސް އެތަނުން ދިޔައީ ދުން އަރަމުންނެވެ. އަދި ހޫނުކަންވެސް ގާތްގަނޑަކަށް 69 ޑިގްރީ ސެލްސިއަސްއަށް ހުރިކަމަށް ލަތީފް ވިދާޅުވިއެވެ.
"ކައުންސިލަށް އެ މައްސަލަ ރިޕޯޓުކުރުމުން މިއަދު މެންދުރު ފަހު 2:40 ކަންހާއިރު އަޅުގަނޑުމެން އެއީ ކަރަންޓު މައްސަލައެއްތޯ ބަލަންވެގެން ފެނަކައާ ގުޅިގެން އަޅުގަނޑުމެން އެތަން ކޮނުނީ. އޭރުވެސް ދުން އަރާ. ދެން އެގަޑީގަ އެހިސާބުގަ ވަޅުލާފައި އޮތް ދުވަސްވެފައިވާ ނަރެއް އެކުދިން ކަނޑާލި. އަދި ބުނި އެއާ ގުޅުމެމެއް ހުރިކަމަކަށް ނުބެލެވެއޭ،" ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ އިރުޝާދުގެ ދަށުން "ދުންއަރަމުން ދިޔަ ތަން" ދޮޅުފޫޓެއްހާ ތަނަށް ކޮނުމުން ވެސް އެ ތަނުގެ ފަސްގަނޑާއި ފެން ފަށަލައިގައިވެސް ހޫނުކަން ހުރި ކަމަށެވެ. އެހެން ނަމަވެސް އޭރު ކޮނެފައި ވާނީ، ހަމަ އެކަނި ދޮރުކަނީގެ ބޭރު ފަރާތުން ކަމަށާއި ނަމަވެސް މިރޭގެ ވަގުތެއްގައި ދޮރުކައިރިން ގޭގެ ތަޅުންގަނޑުވެސް ތަޅާލައި އެތެރެ ފަރާތުންވެސް ކޮނެފައިވާ ކަމަށެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
"ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއެކު މިރޭ 8:40 ކަންހާއިރު އަޅުގަނޑުމެން އެގޭގެ ދޮރުގެ އެތެރެފަރާތުން ކޮނުނީ، އަދި ކޮންނަމުން ދަނިކޮށް ފެނުނީ، ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓޫ ދިގު ދޮޅުއިންޗި ފަލަ މިނުގެ އާތު ރޮޑެއް،" ލަތީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ގޭ މީހުން ބުނިގޮތުގައި އެއީ ވަރަށް ކުރީ ޒަމާނުގެ އާތު ދަގަނޑެއް ކަމަށާއި އަދި ފަހުން އެގެއަށް ކަރަންޓު ގުޅާފައިވާއިރު، އާތުކުރުމަށް އެ ދަގަނޑު ބޭނުންކޮށްފައި ނުވާކަމަށް އެމީހުން ކިޔައިދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ދަގަނޑުގައި އަތްލިއިރު އެވެސް ވަރަށް ހޫނުކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ވަރަށް ކުރީޒަމާނުގައި ޖަހާފައި ހުރި ދަގަނޑެއްކަމަށް ބުނަނީ. ފައުންޑޭޝަން އަޅާފައި ވާއިރު އެތަނުގެ އެތެރޭން ޖަހާފައި ހުރީ. އެއަށް ގުޅާފައި އިނީ އާތުނަރެއް. އެހެން ނަމަވެސް އެގޭ ބްރޭކަރު މަސައްކަތެއް ނުކުރޭ. ވަރަށް ފުނަށް، އާނުގަނޑާ ހަމައަށް ފުނަށް ޖަހާފައިހުރި ދަގަނޑެއް."

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެ ގެ ހިމެނޭ ސަރަހައްދު ފުލުހުން ކޯޑޮން ކޮށްފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
"އަޅުގަނޑުމެން އޭރު އެތަނުގެ ޓެމްޕަރޭޗަރު ބެލިއިރު ގާތްގަނޑަކަށް 69 ޑިގްރީ ސެލްސިއަސްގައި ހުރީ، އެކަމަކު އެތަނުން އާރތު ރޮޑް ނަގާފައި އެ ގެއިން އެއްކޮށް ކަރަންޓުވެސް ކަނޑާލާފައި، މިރޭ 11:30 ކަންހާއިރު އަޅުގަނޑުމެން ޗެކްކުރި އިރު ހޫނުމިން ވަނީ 53 ޑިގްރީއަށް ދަށަށް ގޮސްފައި،"މ. މުލަކު ކައުންސިލް މެންބަރު އިބްރާހީމް ލަތީފް
ލަތީފު ވިދާޅުވީ، އާތު ދަގަނޑު ނެގުމަށް އެތަން ކޮންނަމުން ދިޔަ އިރުވެސް އެތަން ވަރަށް ހޫނު ކަމަށާއި އަދި އެތަނުން، "ގާ އަނދާވަސް ވަރަށް ބޮޑަށް ހުރި" ކަމަށާއި އެހެން ނަމަވެސް އެއްވެސް ކަހަލަ ނުބައިވަހެއް ނުވަތަ ގޭހެއްފަދަ އެއްޗެއްގެ ވަހެއް ނުދުވާ ކަމަށެވެ.
"އަޅުގަނޑުމެން އޭރު އެތަނުގެ ޓެމްޕަރޭޗަރު ބެލިއިރު ގާތްގަނޑަކަށް 69 ޑިގްރީ ސެލްސިއަސްގައި ހުރީ، އެކަމަކު އެތަނުން އާރތު ރޮޑް ނަގާފައި އެ ގެއިން އެއްކޮށް ކަރަންޓުވެސް ކަނޑާލާފައި، މިރޭ 11:30 ކަންހާއިރު އަޅުގަނޑުމެން ޗެކްކުރި އިރު ހޫނުމިން ވަނީ 53 ޑިގްރީއަށް ދަށަށް ގޮސްފައި،" ލަތީފް ވިދާޅުވިއެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނެ ނަގާފައިވާ ގާގަނޑެއް ދައްކާލަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އޭނާ ވިދާޅުވީ، "ބައެއް މީހުން ބުނާގޮތުން، އެގޮތަށް ދެތިން ދުވަސް ވަންދެން ގްރައުންޑް ވެފައި ހުރުމުގެ ސަބަބުން ބިންގަނޑު ހޫނު ވެދާނެ" ކަށެވެ.
"ދެން އަޅުގަނޑުމެން އަދި ނުނިންމަން އެއީ ކަރަންޓުގެ ސަބަބުން ދިމާވި ކަމެއް ކަމަކަށް. އެހެންވެ މިރޭ މެންދަމު 2:00 އާ ހަމައަށް އަޅުގަނޑުމެން އެތަން ޗެކްކުރާނަން. އެއަށް ފަހު ދެން އިތުރަށް ކަންތައްކުރާނޭ ގޮތެއް ނިންމާނީ،" ލަތީފް ވިދާޅުވިއެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރުގެ އެތެރޭން ތަޅުންގަނޑު ތަޅާލައި ކޮނުނު އިރު ފެނުނު ހަތަރު ވަރަކަށް ފޫޓުގެ އާތު ދަގަނޑު ސިފައިންގެ ބޭފުޅަކު ދައްކާލަނީ (ވ) އަދި އެ ދަގަނޑުގެ މަތީގައި އަޅާފައި އިން ޕްލާސްޓިކް ކެޕެއް (ކ) -- ސަން ފޮޓޯ: ކިޔުންތެރިއެއް
ލަތީފް ވިދާޅުވީ، ހަތް މީހުން ދިރިއުޅެމުން ދިޔަ ސޯސަންގޭ މީހުން މިހާރުވަނީ އެގެއާ އިންވެގެން ހުރި، އެމީހުންގެ އާއިލާގެ ބައެއް ގާތަށް ބަދަލުވެފައި ކަމަށެވެ.
"އަޅުގަނޑުމެން ހުންނާނީ ކަރަންޓުވެސް ކަނޑާލާފައި، ދެން އެހެންނަމަވެސް މިހާރު އެގޭމީހުންވެސް ގެއަށް ވަދެހަދާ. އެކަމަކު އެމީހުން މިރޭ އެގޭގައި ނުނިދާނެ. އެ ސަރަހައްދު ވަނީ، ފުލުހުން ބަންދުކޮށްފައި. ރަށު ކައުންސިލާއި، ފުލުހުންނާއި ސިފައިންނާ ގުޅިގެން އެތަން ބަލަހައްޓަމުން ދަނީ،" ލަތީފް ވިދާޅުވިއެވެ.

މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
ކޮންމެއަކަސް އަދިވެސް އެ ހާދިސާހިނގަން މެދުވެރިވީ ކީއްވެގެންކަމެއް ކަށަވަރެއް ނުކުރެވެއެވެ. މުލަކު ކައުންސިލުން ވަނީ، ކަމާގުޅޭ އިދާއިރާތަކުގެ ލަފައާއެކު، ހޫނުއަރަމުން ދިޔަ ތަންކޮނެ އެތަނުގެ ތަޅުންގަނޑާއި އެނޫންވެސް ސާމްޕަލްތައް ނަގައިފައެވެ. އަދި އެއީ ކަރަންޓުގެ މައްސަލައެއް ނޫންކަމަށް ވާނަމަ، ކޮންކަމަކާ ގުޅިގެން ހިނގި ހާދިސާއެއްތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.