17 Jul 2016, 01:05
އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރުވެއްޖެއެވެ.
އެ ނަތީޖާއާ އެކު އީގަލްސް ލީގު ތާވަލުގެ ދެވަނައިގައި 14 ޕޮއިންޓާ އެކު އޮތް އިރު ޔުނައިޓެޑް ވިކްޓަރީ އޮތީ 13 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތީ 17 ޕޮއިންޓާއި އެކު މާޒިޔާ އެވެ.
މިރޭގެ މެޗު ފެށިގެން ދެވަނަ މިނެޓްގައި އީގަލްސް އަށް ލީޑް ނަގައިދިނީ ބިދޭސީ ފޯވާޑް ރިސްޓޭ ނައުމޯވް އެވެ. އޭނާ އަކީ މިފަހަރުގެ ޓްރާންސްފާގައި އީގަލްސްއާ ގުޅުނު ބިދޭސީ ފުރަތަމަ ކުޅުންތެރިޔާއެވެ.
އީގަލްސް ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ 69 ވަނަ މިނެޓްގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލު ޔުނައިޓެޑް ވިކްޓަރީ އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެއި އިބްރާހިމް ޝަފްރާޒްއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި އީގަލްސް އަށް ވަނީ ދެވަނަ ފަހަރަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި އަންސާރު އިބްރާހިމް (އަންކޮ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން ވިކްޓަރީ އާ ދެކޮޅަށް ނިކުންނަ އިރު ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް ކުލަބު ނިކުންނާނީ ބީޖީ އާއި ދެކޮޅަށެވެ.