މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެެވެ.

ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މުނަވައްރު ވިދާޅުވީ، ކުނި މެނޭޖް ކުރުމަކީ އިސްކަމެއް ދީގެން ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުނި މެނޭޖް ކުރަން ހާއްސަ އިސްކަމެއް ދީގެން ބަޖެޓް އެކުލަވާލާނެ ކަަމަށް މުނައްވަރު ވިދާޅުވި އެވެ.

ޖުލައި 16، 2016: ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މަހާސިންތާގައި ރަށްރަށުގެ ކައުންސިލަރުންނާއިއެކު ޖުމްލަ 265 ބައިވެރިއަކު ބައިވެރިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށް 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަަމަށް މުނައްވަރު ވިދާޅުވި އެވެ. އެޕްރޮޖެކްޓުގެ ދަށުން ތިލަފުށީގެ މަސައްކަތް 2018 ގެ ކުރިން ނިންމަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުނައްވަރު ވަނީ ދެއްވާފައެވެ.

" އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށް 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިންގާނަން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމަށް 370 މިލިއަން ރުފިޔާ، ފެށޭ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ޖުލައި 16، 2016: ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މަހާސިންތާގައި ރަށްރަށުގެ ކައުންސިލަރުންނާއިއެކު ޖުމްލަ 265 ބައިވެރިއަކު ބައިވެރިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 މިރޭ ފަށާފައިވާއިރު އެ މަހާސިންތާގައި 265 މީހަކު ބައިވެރިވެ އެވެ. އޭގެތެރޭގައި ރަށްރަށުގެ ކައުންސިލަރުންވެސް ހިމެނެ އެވެ.

އެ މަހާސިންތާ ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ވަނީ ރާވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ " ކުނި މެނޭޖް ކުރުމާބެހޭ ޕްލޭން ތައްޔާރުކުރުމަށް އެހީއެއް" މިނަމުގައި އަތްމަތީ ފޮތެއްވެސް ނެރެފައެވެ.