މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން ލަންކާގެ އޭޖެންޓަކަށް ދައްކަން ޖެހޭ 900،000 ޑޮލަރު ނުދައްކައިގެން އެމްއެންއެސްއެލްގައި މިހާރު އޮތް ހަމައެކަނި ބޯޓު "މޯލްޑިވް ސްޓާ" ލަންކާގައި މިދިޔަ ބުރާސްފަތި ދުވަހު "ހައްޔަރުކޮށްފި" އެވެ.

އެމްއެންއެސްއެލް އިން ބުނީ، 24 ފަޅުވެރިންނާއެކު އެ ބޯޓު ލަންކާއަށް ފުރީ މިދިޔަ ބުދަ ދުވަހު ކަމަށާއި، ކޮލޮމްބޯގެ އައުޓް ހާބަރުގައި ބޯޓު ހިފެހެއްޓީ ލަންކާގެ އޭޖެންޓް، "މޯލް ޝިޕް ސިލޯން" އަށް ދައްކަން ޖެހޭ 900،000 ޑޮލަރު )ރަސްމީ ރޭޓުން 13.87 މިލިއަން ރުފިޔާ( އަދިވެސް އެއްކޮށް ދައްކައިފައި ނުވާތީ ކަމަށެވެ.

"އެއީީ އަޅުގަނޑުމެން ކުންފުންޏާ ހަވާލުވިއިރު އޮތް އައުޓްސްޓޭންޑިން )ނުދައްކާހުރި ފައިސާ(. ހަވާލުވިފަހުން ވެސް ދެ ޕޭމަންޓެއް ހަދައިފިން،" އެމްއެންއެސްއެލްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ ޕޭމަންޓާ ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމުގައި އޭނާ ވިދާޅުވި އެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، ވީހާވެސް އަވަހަކަށް ބޯޓު އަނބުރާ ގެނެވޭތޯ މަސައްކަތްކުރަމުންދާ ކަމަށާއި އެހާތަނަށް ބޯޓުގައި ތިބި ފަޅުވެރިންނަށް ދައްޗަކާ ކުރިމަތިވާނެ ކަމަށް ނުބެލޭ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ބޭރު ގައުމުތަކުގައި ތާށިވި އެމްއެންއެސްއެލްގެ ބޯޓުތައް ހައްޔަރުން ނުވީއްލި ގިނަ ދުވަސްވުމުން ބޯޓުގައި ތިބި ފަޅުވެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާކޮށްފައި އެވެ.

އެގޮތުން ނޮވެމްބަރު 2009 ގައި ލަންކާ ބަނދަރުގައި ހިފެހެއްޓި އެމްއެންއެސްއެލްގެ "މޯލްޑިވް ކެރިއާ" ބޯޓު ދޫކޮށްލީ ފައިސާ ނުދައްކައިގެން "މެރިޓައިމް ލީން" ނެގި ސިންގަޕޫރުގެ އޭޖެންޓަށް ތިން މަސް ފަހުން ފައިސާ ދެއްކުމުންނެވެ.

އަށްހާސް ޓަނުގެ މޯލްޑިވްސް ސްޓާއަކީ މިހާރު އެމްއެންއެސްއެލްގައި އޮތް ހަމައެކަނި ބޯޓެވެ. ކުރިން އެކުންފުނިން އޮޕަރޭޓްކުރި ދެ ބޯޓު، "މޯލްޑިވް އެންޓަޕްރައިސަސް" އާއި "މޯލްޑިވްސް ކެރިއާ" މިހާރު ވަނީ ވިއްކާލައިފަ އެވެ.

ސަރުކާރުން ސަތެކޭ ޕަސަންޓު ހިއްސާވާ އެމްއެންއެސްއެލް 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ބޮޑު ގެއްލުމެއްގެ ތެރޭގަ އެވެ. އެގޮތުން 2007 ވަނަ އަހަރު އެމްއެންއެސްއެލް އަށް 3.9 މިލިއަން ޑޮލަރުގެ ގެއްލުންވިއިރު، ޖެހިގެން އައި އަހަރު 6.7 މިލިއަން ޑޮލަރުގެ ގެއްލުން ވި ކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކަ އެވެ. އަދި ކުންފުނީގެ ދަރަނި 16.9 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް އެމްއެންއެސްއެލްގެ 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.