16 Jul 2016, 23:44
ރާއްޖޭގެ ކުނި މެނޭޖްކުރުމަށް 370 މިލިއަން ރުފިޔާ ފެށޭ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެެވެ.
ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މުނުވައްރު ވިދާޅުވީ، ކުނި މެނޭޖް ކުރުމަކީ އިސްކަމެއް ދީގެން ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުނި މެނޭޖް ކުރަން ހާއްސަ އިސްކަމެއް ދީގެން ބަޖެޓް އެކުލަވާލާނެ ކަަމަށް މުނައްވަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށް 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. އެޕްރޮޖެކްޓުގެ ދަށުން ތިލަފުށީގެ މަސައްކަތް 2018 ގެ ކުރިން ނިންމަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުނައްވަރު ވަނީ ދެއްވާފަ އެވެ.
" ރަނގަޅު ގޮތުގައި ކުނި ނައްތާ ނުލެވިއްޖެނަމަ އަޅުގަނޑުމެން ބޭނުންވާ ސާފު ދިވެހިރާއްޖެ އަޅުގަނޑުމެނަަކަށް ނުލިބޭނެ. ވަރަށްވެސް މުހިންމު ކަމެއް އަޅުގަނޑުމެން ތެރޭގައި އުފެދޭކުނި ރައްކާތެރިކަމާއެކު ނައްތާލުން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
ޖުލައި 16، 2016: ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހުރިހާ ފަރާތްތަކުންވެސް ސާފު ތާހިރުކަމަށް އިސްކަންދީ އިބުނު ބަތޫތާގެ ތާހިރުކަން މިސާލަކަށް ނެގުމަށް މިނިސްޓަރު މުނައްވަރު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ގޮވާލާފަ އެވެ.
ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 މިރޭ ފަށާފައިވާއިރު އެ މަހާސިންތާގައި 265 މީހަކު ބައިވެރިވެ އެވެ. އޭގެތެރޭގައި ރަށްރަށުގެ ކައުންސިލަރުންވެސް ހިމެނެ އެވެ. އެ މަހާސިންތާ ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް އެންވަރަމެންޓް މިނިސްޓްރީއިން ވަނީ ރާވާފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ " ކުނި މެނޭޖް ކުރުމާބެހޭ ޕްލޭން ތައްޔާރުކުރުމަށް އެހީއެއް" މިނަމުގައި އަތްމަތީ ފޮތެއްވެސް ނެރިފަ އެވެ.
ޖުލައި 16، 2016: ސާފުރާއްޖެ ގައުމީ މަހާސިންތާ 2016 ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 70 މީހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާރުވެސް ފާޑުކިޔުންތައް އަމާޒުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
" ހުރިހާ ރަށެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ހަމަ މަގަށް އަޅުވައި އިރާދަކުރެވިއްޔާ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރެވޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަމޭ. ރައީސް ޔާމީން އެކަން ކޮށްދެއްވާނެ،" މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.
ދެހާސް އަށާރަ އަންނަންވާއިރަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ ވަރުގެ ކުނި މެނޭޖް ކުރާނެ ރަށުފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް އަޅާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.