16 Jul 2016, 21:53
ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ތިބެ، އިދިކޮޅު އިއްތިހާދުގެ ފަރާތުން މިއަދު ހިންގި ހަރަކާތެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފުލުހުން ނަގަން ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު މަހުލޫފާއި އީސަ ފުލުހުން ދޫކޮށްލައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަހުލޫފާއި އީސަ ހައްޔަރުކުރީ އެވަގުތު އެ ސަރަހައްދުގައި ޕިކަޕެއް ބާއްވައިގެން އަޑުގަދަކުރާ ބޭނުންކޮށް، އަޑުގަދަ ކުރުން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތަކަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން މިއަދު ވަނީ އެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުންދިޔަ ޕިކަޕުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.