މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވ. ރަކީދޫ ފަރަށް އެރި އަމިއްލަ ކުންފުންޏެއްގެ މުދާ އުފުލާ ދޯންޏެއް ފުން ނުކުރެވުމުގެ ސަބަބުން އެ ރަށު ފަރު ހަލާކުވަމުންދާތީ ރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރަކީދޫ ކައުންސިލުގެ ރައީސް އާދަމް ސާމީ "ސަން"އަށް ވިދާޅުވީ އެ ދޯންޏަކީ އައްޑޫން މުދާ ހިފައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ. އަދި ވިދާޅުވީ އެ ދޯނި ދަތުރު ކުރަމުން ދަނިކޮށް ރަށުގެ ދެކުނު ފަރާތުގެ ފުއްޓަރަށް ދޯނި އެރީ ކަމަށެވެ. ސާމީ ވިދާޅުވީ އެ ދޯންޏަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ލިއޯ ޕްރައިވެޓު ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއްގެ ދޯންޏެއް ކަމަށެވެ.

"އަސްލުވީ ގޮތަކީ ރަށުގެ ކަނޑު އޮޅިން ދޯނި ވަންނަން އުޅުމުގެ ތެރޭގައި މިއޮތީ ރަށުގެ ދެކުނު ފަރާތު ފުއްޓަރަށް އަރާފައި. ދެން މި ދޯނި ފުން ކުރުމަށް އެ ކުންފުނިން ހަމަ ވަރަށް މަސައްކަތް ވެސް ކުރޭ. އެކަން އަޅުގަނޑު ވެސް އަދި ރަށުގެ ރައްޔިތުން ވެސް ގަބޫލުކުރޭ. އެކަމަކު ވާގޮތަކީ އެ ދޯނި ފުން ކުރަން ކުރާ މަސައްކަތުން ރަށުގެ ފަރަށް މި ގެއްލުން ލިބެނީ،" ސާމީ ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ ދޯނި ފުންކުރުމަށް އެކްސްކަވޭރަކުން ފުއްޓަރު ފަރާތް ކޮންނަމުންދާ ކަމަށެވެ. ސާމީ ވިދާޅުވީ ދޯނި ފުންކުރަން ކުރާ މަސައްކަތުން އެ ސަރަހައްދުގައި ހުރި ގާތަކަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އަދި ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

"އީޕީއޭ އަށް ވެސް ގުޅިން. ގުޅީމާ މި ބުނަނީ އަޅުގަނޑުމެން [އީޕީއޭ] އިން ތިރަށް [ރަކީދޫ] އަށް ދާނަމޭ. އެކަމަކު އަދި ހަމަ ހަބަރެއް ނުވޭ. ދެން ފުލުހުންނަށް ވެސް އަންގައިފިން." ސާމީ ވިދާޅުވި އެވެ.