އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާ އާއި ބީޖީ ކުޅުނު މެޗު 0-0ގެ ނަތިޖާ އަކުން އެއްވަރު ވެގެން ނިމެއްޖެއެވެ.

އެ ނަތީޖާއާ އެކު ލިބުނު އެއް ޕޮއިންޓާ އެކު ޖުމްލަ 12 ޕޮއިންޓު ލިބިގެން ވެލެންސިއާ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވެސް 12 ޕޮއިންޓް ލިބޭއިރު މިރޭ ކުޅޭ މެޗުގައި އީގަލްސްގެ މައްޗަށް ކުރި ހޯދައިގެން އެ ޓީމަށް ދެވަނަ އަށް ޖެހިލެވޭނެއެވެ. ބީޖީ ލީގުގެ އެންމެ ފުލުގައި އޮތީ އަށް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

މިއަދުގެ މެޗު ފެށިގެން ވެލެންސިއާ އިން ރަނގަޅު ކުޅުމެއް ދެއްކި އިރު އެ ޓީމަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެފައެވެ. އެގޮތުން ވެލެންސިއާގެ ހަސަން އަދުހަމް އާއި ހަންސްލޭ އަވީލޯ ފޮނުވާލި ބޯޅައިގެ ހުރުހަކަށްވީ ބީޖީގެ ކީޕަރު ހަނީފް ސާގިބްއެވެ.

ވެލެންސިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް ބީޖީ އަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ބީޖީއަށް ލިބުނު ހިލޭ ޖެހުމެއް ވެލެންސިއާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ހުސްކޮށް ހުރެ ޑިފެންޑަރ މުހައްމަދު ނިޒާމް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

ލީގްގެ ފުރަތަމަ ބުރުގައި މި ދެޓީމް ބައްދަލު ކުރި މެޗުގައި ވެލެންސިއާ އިން ވަނީ ބީޖީ ކޮޅަށް ތިން ގޯލު ޖަހާފައެވެ.