ގައުމީ އެއާލައިން މޯލްޑިވިއަންއިން އަށް ވަނަ ސީޕްލޭން ގެނެސްފި އެވެ.

މޯލްޑިވިއަން އިން ސީޕްލޭންގެ ގޮތުގައި ބޭނުން ކުރާ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖައްސާފައިވަނީ މިރޭ 18:20 ގައެވެ.

މިއަދު މިގެނައި ވައްތަރުގެ ހަތް ބޯޓު މިހާރުވެސް ސީޕްލޭންގެ ގޮތުގައި މޯލްޑިވިއަންއިން ދަނީ ބޭނުން ކުރަމުންނެވެ.

މިފަހަރު ގެނެސްފައިވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ދުއްވާފައިވާ ބޯޓެކެވެ.

މިރޭ މޯލްޑިވިއަންއަށް ގެނައިއެއާކްރާފްޓްއަކީ 1999 ވަނަ އަހަރު މޯލްޑިވިއަން އެއާ ޓެކްސީގައި ބޭނުންކޮށްފައިވެ ބޯޓެކެވެ. އަދި އެއަށް ފަހު 2002 ވަނަ އަހަރު ކެނެޑާގެ ކެން ބޮރެކް އެއާގައި އެ ބޯޓު ދުއްވާފައިވެ އެވެ.

މި ބޯޓު ދެން ރާއްޖެ އަށް އަނެއްކާ ވެސް ގެނެސްފައި ވަނީ 2003 ވަނަ އަހަރު، މޯލްޑިވިއަން އެއާ ޓެކްސީ އަށެވެ. ހަ އަހަރު ދުވަހު މޯލްޑިވިއަން އެއާ ޓެކްސީގައި ބޯޓު ބޭނުންކުރުމަށް ފަހު އެ ބޯޓު ދެން ގެންގޮސްފައި ވަނީ ސްރީލަންކަން އެއާ ޓެކްސީ އަށެވެ. އަދި އިތުރު ދެ އެއާލައިނެއްގައި އޭގެ ފަހުން ބޭނުން ކޮށްފައިވެއެވެ.

މޯލްޑިވިއަންއިން ސީޕްލޭނުގެ ގޮތުގައި ބޭނުންކުރާ ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކަކީ 15 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.