އެއީ މީގެ ހައެއްކަ އަހަރު ކުރިއެވެ. އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ، އެންމެ ހަގު ކުއްޖާގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ކުއްޖެއްގެ ވާހަކަ ހަނދާން އެބަހުރި ހެއްޔެވެ؟ 2010 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ސަމާލުކަން ހޯދި ކުޑަކުއްޖަކީ، އިންޑޮނީޝިއާގެ ސުމަޓްރާއަށް ނިސްބަތްވާ އަރުދީ ރިޒާލް ނަމަކަށް ކިޔާ ކުއްޖެކެވެ.

އަރުދީ ރިޒާލް އޭނާގެ ބައްޕައާއެކު ދުންފަތުގެ އިސްތިޢުމާލުކުރަނީ ---

އަރުދީ ރިޒާލް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވަނީ، ޢުމުރުން 18 މަހުގައެވެ. އޭރު ދުންފަތަށް ދެވިހިފާފައިވާ އެ ތުއްތު ކުއްޖާ ދުވާލެއްގެ މައްޗަށް 40 ސިނގިރޭޓް ބޯކަމަށް ވެއެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ކުރީކޮޅުގައި އަރުދީއަށް ނަފްސާނީ ފަރުވާ ދޭން ފެށުނެވެ. އެގޮތުން އޭރު އޭނާ ދުވާލެއްގެ މައްޗަށް ބޮމުން ގެންދިޔަ ސިނގިރޭޓްގެ އަދަދު ވަރަށް ބޮޑުތަން މަދުކުރެވުނުކަމަށް ޚަބަރުތަކުން އެނގެއެވެ.

އަރުދީގެ މި ހައިރާންކުރުވަނިވި ވާހަކަ ތަކާއި އެ ތުއްތު ކުއްޖާ ދުންފަތުގެ އިސްތިއުމާލުކުރަނިކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލްމީޑިއާ އާއި ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަމާލުކަމަށް އައިސް، އިންޑޮނީޝިއާގެ ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެއާއެކު ކުޑަކުދީން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުކުރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިންޑޮނީޝީއާ ސަރުކާރަށް މަޖުބޫރުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިކުރުވުމަށްޓަކައި އަރުދީއަށް ނަފުސާނީ ފަރުވާ ދެވުނެވެ. އަދި އޭނާ ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ކަންތައްތަކުގެ ތެރޭގައި ގިނަވަގުތު ގެންގުޅެން ފެށިއެވެ.

އަރުދީ ރިޒާލް އޭނާގެ ބައްޕައާއެކު ދުންފަތުގެ އިސްތިޢުމާލުކުރާއިރު އޭނާގެ ކޮއްކޮ ބަލަހައްޓައިގެން ---

އަރުދީގެ ބައްޕަ ކިޔައިދިން ގޮތުން ދުންފަތަށް ދެވިހިފާފައިވާ، އޭނާގެ ތުއްތު ދަރިފުޅު އެކަމުން ސަލާމަތްކުރުމަށްޓަކައި އާއިލާ އާއި އަވައްޓެރީންނާއި މިޑިޔާގެ އެހީތެރިކަން ލިބުނެވެ. އެހެންނަމަވެސް ނަސީބު ކަންދިމާކުރިގޮތުން ދެން ކުރިމަތިލާން ޖެހުނީ ވަކިން ކުޑަކަމާކާ ނޫނެވެ. ސިނގިރެޓުގެ ބަދަލުގައި އަރުދީ ކާއެއްޗިއްސަށް ދެވި ހިފީއެވެ. އެއާއެކު އެ ތުއްތުކުއްޖާ އިންތިހާއަށް ފަލަވެ ބަރުދަން އިތުރުވެ ސިއްހީ އެހެނިހެން މައްސަލަތަކާ ކުރިމަތިލާން ޖެހުނީއެވެ.

ކާނާއަށް ދެވިހިފާފައިވާ އަރުދީ އެކަމުން ދުރުކުރުމަށް އެތަކެއް ބައިވަރު، އަދި ތަފާތު ފަރުވާތައްދީ، މާތްﷲގެ އިރާދަފުޅުން މިއަދު އޭނާ ވަނީ ފުރިހަމަ ސިއްހަތެއްގައެވެ. އަދި މިއަދު އަރުދީއަކީ ދުންފަތުގެ އިސްތިއުމާލު އެއްވެސް ވަރަކަށް ކުރާ ކުއްޖެއް ނޫނެވެ.

އަރުދީ ރިޒާލް މިހާރު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން މުޅިން ދުރުވެފައި. އޭނާއަކީ މިއަދު ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް -- ފޮޓޯ: ހެލްދީލައިފްޓްރިކްސް

އަރުދީއާ ގުޅޭގޮތުން ހެލްދީލައިފްޓްރިކްސްގައި ބުނެފައިވަނީ، ދުންފަތުގެ އިސްތިއުމާލުކުމުން ދުރުވުމަށްފަހު، މިއަދު އޭނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެ ބޮޑު ބާރަކަށް ވެފައިވަނީ، ކެއުމަށް ފުރިހަމައަށް ސަމާލުކަންދީ، ބެލެންސްޑް ޑައެޓެއް ބޭނުންކުރަމުން ދިއުން ކަމަށެވެ.

ކުޑަކުދީންނަށް ދުންފަތް ވިޔަސް އަދި އެނޫންވެސް ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ތަކެތި ލިބޭނީ، އެ ކުއްޖާގެ މައިންބަފައިން، ނުވަތަ ބެލެނިވެރީންގެ ފަރާތުން ކަމަށް ވާއިރު މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ވަރަށް ބޮޑު ޒިންމާއެކެވެ.

ދަރީންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށްވާއިރު އެ ދަރީން ފުރިހަމަ ގޮތުގައި ތަރުބިއްޔަތުކޮށް، އެ އަމާނާތުގެ ވެރިފަރާތާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަހަރެމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.