ރިޑެންޑެންސީ ޕެކޭޖުގެ ގޮތުގައި އިނާޔަތްތަކާ އެކު ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިވުމަށް ފުރުސަތު ދެވޭނީ 1350 މުވައްޒިފަކަށް ކަމަށް ބުނެ، ފޯމް ބައިލަގަތުން ފިނޭންސް މިނިސްޓްރީން ހުއްޓާލުމުން މައްސަލަ ހޫނުވެއްޖެ އެވެ.

ރިޑެންޑެންސީ ޕެކޭޖުގެ ގޮތުގައި އިނާޔަތްތަކާ އެކު ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިވުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް ފޯމް ހުށަހަޅަން މިއަދު ހެނދުނު ދިޔަ 50 އަށް ވުރެ، ގިނަ ސިވިލްސާވަންޓުންގެ ފޯމްތައް މިނިސްޓްރީން ބަލައި ނުގަންނާނެ ކަމަށް ބުނުމުން ބައެއް މީހުން އެ ތާނގައި ތިބެ ބުނަމުންގެންދިޔައީ މި މަހުގެ 31 ގެ ނިޔަލަށް އިނާޔަތްތަކާ އެކު ވަޒީފާ އިން ވަކިވުމަށް ފުރުސަތު ހުޅުވާލެވިފައިވުމުން އެ މަގު ބަންދުކޮށްގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އެ ދެނީ މި ފޯމްތައް ތިޔަ ބޭފުޅުން ބަލައިގަތުމަށް. ތިޔަ ބޭފުޅުން ކުރި އިއުލާނެއްގައި ބުނެފައެއް ނެތް ކުރިއަކުން 1300 އެންހާ މީހުންގެ ފޯމް ކަން ބަލައިގަންނެ ކަމަކަށް. އަޅުގަނޑުމެންނަކީ ވެސް ހަމަ ތިޔަ ބޭފުޅުން ފަދަ މުވައްޒަފުން. ސަރުކާރުގެ މި އިދާރާ އިން ޖެހޭނެ އުސޫލަށް ތަބާވާން،" ފިނޭސް މިނިސްޓްރީ ތެރޭގައި އަޑުގަދަކުރި ސިވިލް ސާވަންޓަކު ބުންޏެވެ.

ސިވިލް ސާވަންޓުން އަޑުގަދަ ކުރަންފެށުމުން މާ ގިނައިރުތަކެއް ނުވެ، ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އެ މީހުންނާ ބައްދަލުކޮށް މައްސަލަ ހައްލު ކުރުމަށް ވާހަކަފުޅު ދެއްކެވި އެވެ.

އިނާޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިވިލް ސާވަންޓުން މަދުކުރުން ކަމަށާއި އެކަމަށް އެ ބޭފުޅުން ދެއްވާ އެއްބާރުލުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އިނާޔަތްތަކާ އެކު ވަޒީފާ އިން ވަކިވުމަށް ފޯމް ހުށަހަޅަން އައި މީހުންގެ އަޑު އަބަދު ވެސް އޭނާ އަޑުއައްސަވާނެ ކަމަށާއި އެ ކަމަށް ހައްލެއް ހޯއްދަވާނެ ކަމަށެވެ.

އެ ގޮތުން ސިވިލް ސާވިސްގެ ވަޒީފާ އިން މުވައްޒިފުން ވަކި ކުރުމުގެ ޕްރޮގްރާމަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް ]އޭޑީބީ[ އިން 16 މިލިއަން ޑޮލަރު ލޯނެއް ދީގެން ހިންގާ ޕްރޮގްރާމަކަށް ވުމުން އެ ޕްރޮގްރާމުން މިފަހަރު ފުރުސަތު ދެވޭނީ 1350 މުވައްޒިފަކަށް ކަމަށް ވިދާޅުވި އެވެ. އަދި ދެން އަންނަ ބުރެއްގައި ފުރުސަތު ހުޅުވާލުމުން ފޯމްތައް ބަލައިގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފޯމް ހުށަހަޅަން ފިނޭސް މިނިސްޓްރީ އަށް ވަޑައިގެން ބޭފުޅުންގެ ކުރެއްވި ސުވާލުތަކަށް ވެސް އީނާޒު ޖަވާބު ދެއްވި އެވެ.

މައްސަލަ ހައްލުވެގެންދިޔައީ ފޯމް ބަލައިގަންތުމަށް ފިނޭންސް މިނިސްޓްރީން ނިންމުމުންނެވެ. އެ ގޮތުން އިނާޔަތްތަކާ އެކު ވަކިވާންއެދޭ ސިވިލް ސާވަންޓުންނަށް، ރިޑެންޑެންސީ ޕެކޭޖުގެ ގޮތުގައިދޭ އިނާޔަތްތައް ދިނުމުގައި ދެން އަންނަ ބުރެއްގައި އިސްކަން ދެއްވާނެ ކަމަށް އިނާޒު ވިދާޅުވި އެވެ. އަދި އަންނަ އަންގާރަ ދުވަހު އޭޑީބީއާ އެކު ބައްދަލުވުމެއް ބާއްވައި އެ މައްސަލައަށް ފިނޭންސުން ހައްލެއް ހޯދާނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

އިނާޔަތްތަކާ އެކު ސިވިލްސާވަންޓުންގެ ވަޒީފާ އިން ވަކިވުމަށް އެދި ހުށަހަޅާ ފޯމްތަކަށް އިސްކަންދީގެން، ވަރަށް އަވަހަށް އެ ބޭފުޅުނަށް އިނާޔަތްތަކާ އެކު ވަޒީފާ އިން ވަކިކުރާނެ ކަމަށް ވިދާޅުވި އެވެ.