16 Jul 2016, 16:23
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި އެޑިއުކޭޝަން މިނިސްޓްރީއާއި މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ވޯކްޝޮޕްގެ ދެ ވަނަ ބުރު ފަށައިފި އެވެ.
"ވާކްޝޮޕް އޮން ޕާސަނަލް އިފްކެޓިވްނަސް އޭޒް ސްކޫލް ލީޑާރސް"ގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ ދެ ވަނަ ބުރު މިއަދު މާލޭގައި ފަށާފައިވާ އިރު، އުތުރުގެ ފަސް އަތޮޅަކުން 30 ލީޑިން ޓީޗަރުން ބައިވެރިވެ އެވެ.
މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކަށް ސްކޫލްތަކުގެ ލީޑިން ޓީޗަރުން އަހުލުވެރިކުރުވުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދަން ނިންމާފައިވާ އެ ވޯކްޝޮޕްގައި ހއ. އާއި، ހދ. އާއި، ށ އަތޮޅާއި، ނ. އަތޮޅު އަދި ރ. އަތޮޅުގެ ލީޑިން ޓީޗަރުން ބައިވެރިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ގާބިލު ލީޑިން ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ ވޯކްޝޮޕް ބާއްވާފައި ވަނީ ޏ. ފުވައްމުލަކުގަ އެވެ. އެ ވޯކްޝޮޕްގައި ފުވައްމުލަކާއި އައްޑޫ އާއި ގއ. އާއި، ގދ. އަދި މާލެ އަތޮޅުގެ 30 ލީޑިން ޓީޗަރުން ވަނީ ތަމްރީން ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 ޕަސެންޓް ކަމަށެވެ.