16 Jul 2016, 15:55
ސައިކަލެއްގައި ރޯކޮށްލައި ހަތަރު މީހަކު ހައްޔަރުކުރި ދުވަހު ނޫން އަނެއް ދުވަހުގެ ރޭ ރ.މަޑުއްވަރީގައި ފިހާރައެއް ފަޅާލައި ބައެއް ފައިސާ ވަގަށް ނަގައިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދަޅުވީ މަޑުއްވަރީގައި ފިހާރައެއް ފަޅާލައިގެން އިއްޔެ ހެނދުނު 6:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދެ މީހުންނާއި 31 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މަޑުއްވަރީން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ ފިހާރަ ފަޅާލީ ބުރާސްފަތި ދުވަހުގެ ރޭ 12 އާއި ތިނަކާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާއާއި ފޯނު ކާޑު ނެގިކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސީދާ ވަކި އަދަދެއް ނޭންގޭ ކަމަށް ބުންޏެވެ.
މި ފަހުން ކުށުގެ މައްސަލަތަކެއް މަޑުއްވަރީގައި ހިނގާފައިވާއިރު މައްސަލަތައް ބެލުމަށް ފުލުހުން އެޓެންޑް ވަނީ އެކަމެއް ހިނގާތާ ފަހެއް ނޫނީ ހަ ގަޑިއިރު ފަހުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މަޑުއްވަރީއަކީ ފުލުހުންގެ ސްޓޭޝަނެއް ހުންނަ ރަށެއް ނޫނެވެ. ނަމަވެސް މިހާރު ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
މީގެ ދެދުވަސްކުރިން ސައިކަލެއްގައި ރޯކޮށްލައި އަންދާލައިގެން ފުލުހުންނަށް ހުށަހެޅި މައްސަލާގައި އުމުރުން 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާ 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަންދާލީ މަޑުއްވަރީ ކައުންސިލުގެ ނައިބު ރައީސްގެ ސައިކަލުކަން އެނގިފައިވެ އެވެ.